24 މާޗް 2021 - 18:08

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި މޫސުން މުޅިން ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހު ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
މެޓްގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ ކައިރީ ލޯ ޕްރެޝާ ޓްރަފެއް އުފެދިފައިވާތީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ގުގުރުމާއި އެކު ވާރޭ ވެހުން އެކަށީގެންވާތީ އެ އިދާރާ އިން ވަނީ މިއަދު ހަވީރު 5:00 ގެ ނިޔަލަށް ހއ. އަތޮޅުން ލ. އަތޮޅަށް ރީނދޫ އެލާޓް ވެސް ނެރެފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް ވައިޖެހޭނީ 3-13 މޭލުގެ ބާރުމިނުގަ އެވެ. ނަމަވެސް ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އާދައިގެ ވަރަކަށް ކަނޑު މަޑު ވާނެ ކަމަށް ވެސް އެ އިދާރާ އިން ލަފާކުރި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއި އެކު ވާރޭ ވެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހުކުރު ދުވަހު މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ އެވެ. އެ ދުވަހު ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ އެވެ. ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް ވިއްސާރަ ކުރާނީ މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.