"ސައިނާ" އަށް ފަހު އަމޯލް ގުޕްތޭ އަށް "ޕާޕާ"
"ސައިނާ" އަށް ފަހު އަމޯލް ގުޕްތޭ އަށް "ޕާޕާ"

ހުކުރު ދުވަހު ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ "ސައިނާ" އަށް ފަހު ދެން ހަދަން އޮތް ފިލްމަކީ ކުޑަކުދިންނަށް ވަރަށް ހާއްސަ، "ޕާޕާ" ކިޔާ ފިލްމެއް ކަމަށް ޑައިރެކްޓަރު އަމޯލް ގުޕްތޭ ބުނެފި އެވެ.

މިހާރު ފިލްމުތަކުގައި އެކްޓް ވެސް ކުރާ ފަންނާނު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ޕާޕާ" ގެ ސްކްރިޕްޓް ނިންމައި، ނަން ވެސް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި "ޕާޕާ" ގެ ކާސްޓުން ގިނަ އަދަދަށް ކުޑަކުދިން ފެންނާނެ އެވެ. އަދި އޭގެ ވާހަކަ އެނބުރޭނީ ވެސް ކުޑަކުއްޖެއްގެ ވަށައިގެން ކަމަށް ބުންޏެވެ.

އަމޯލް އަކީ މީގެ ކުރިން ވެސް ކާމިޔާބު ކުޑަކުދިންގެ ފިލްމުތަކެއްގައި ހިއްސާވި މީހެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އޭނާގެ ސްކްރީންޕްލޭއަކަށް އާމިރު ޚާން 2007 ގައި ޑައިރެކްޓްކުރި "ތާރޭ ޒަމީން ޕަރް" އެވެ. އަދި ފަހުން "ސްޓޭންލީ ކާ ޑައްބާ" އާއި "ހަވާ ހަވާއީ" އަދި "ސްނިޕް" ގެ ނަމުގައި އަމިއްލަ އަށް ސްކްރީންޕްލޭ ލިޔެ، ފިލްމުތަކެއް ޑައިރެކްޓްކުރި އެވެ.

"ޕާޕާ" ގެ ކާސްޓާ ބެހޭ ގޮތުން އަމޯލް ބުނީ ފަހަރުގައި އޭނާއާ އެކު ކުރިން މަސައްކަތްކުރި އެކްޓަރުންތަކެއް ވެސް ފިލްމުން ފެނިދާނެ ކަމަށެވެ.

"ނޫނީ ހަމަ އަހަރެން ވެސް ފިލްމުގެ ބޮޑު ރޯލަކުން ފެނިދާނެ،" އޭނާ ބުންޏެވެ.

"ސިންގަމް ރިޓާންސް" އާއި "ކަމީނޭ" އަދި "ބޭޖާ ފްރައި 2" ފަދަ ފިލްމުތަކުގައި ރޯލުތަކެއް ކުޅެފައިވާ އަމޯލް، 59، ގެ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 19 ގައި ރިލީޒްކުރި "މުމްބާއީ ސާގާ" އިންނެވެ.

ޕަރިނީތީ ޗޯޕްޅާ ހިމަނައިގެން އޭނާ ޑައިރެކްޓްކުރި "ސައިނާ" އަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.