ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް 121 މިލިއަން ރުފިޔާ ހޭދަކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން 121.84 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ދިއްގަރުގައި 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ބޮޑު ހިލައިގެ ރިވެޓްމަންޓު ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެމްޓީސީސީން ކުރިއަށްގެންދާ އެހެން މަޝްރޫއުތަކާ އެއްގޮތަށް މި މަޝްރޫއު ވެސް ތާވަލާ އެއްގޮތަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.