ރާއްޖޭގެ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތްނުކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެފި
ރާއްޖޭގެ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތްނުކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެފި

ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުގެ މުއާމަލާތްތައް ރާއްޖޭގައި ޑޮލަރުން ނުހިންގޭނެ ކަމަށާއި އެޕްރީލް 15 އިން ފެށިގެން މުޅިން ވެސް ބޭނުންކުރެވޭނީ ދިވެހި ރުފިޔާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފުކުރުމާ އެކު ރާއްޖޭގެ ވިސާ ކާޑުތަކުގެ ހުރިހާ މުއާމަލާތެއް ވެސް ރާއްޖޭގައި ދެން ހިންގަން ޖެހޭނީ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާ އިން ކަމަށެވެ.

ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ކުރާ ވިޔަފާރިތަކުގައި ބައެއް ތަންތަނުން ކަނޑަނީ ޑޮލަރުންނެވެ. ދިވެހި ރުފިޔާ ބޭނުންކުރާ ކާޑުތަކުން ވެސް އެގޮތަށް ޑޮލަރުން ކަނޑަނީ، އެނގިފައިވާ ގޮތުގައި، ބައެއް ވިޔަފާރިތަކުން ރާއްޖެއިން ބޭރުން ގެނެސް ހުންނަ ކާޑު މެޝިންތައް ވެސް މެދުުވެރިކޮށެވެ.

އެމްއެމްއޭގެ މި ނިންމުން އެ ބޭންކުން މިއަދު ހާމަކުރިޔަސް އަޑިން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް "މިހާރު"އިން މީގެ ކުރިން ވާނީ އެ ބަދަލުގެ ހަބަރު ގެނެސްދީފަ އެވެ.

އޭރު އޭގެ ތަފްސީލު ހޯދަން އެމްއެމްއޭއަށް ގުޅުމުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް"ގެ ގޮތުގައި އެމްއެމްއޭއިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އެވެ. އެހެންކަމުން ރާއްޖޭގައި ދޫކުރާ ހުރިހާ ވިސާ ކާޑެއްގެ މައިގަނޑު ސެޓްލްމަންޓް ހަދާނީ ބީއެމްއެލް އިންނެވެ. އަދި އެޕްރީލް 15ގެ ފަހުން އެ ހުރިހާ ސެޓްލްމަންޓެއް ވެސް ހަދާނީ ދިވެހި ރުފިޔާއިންނެވެ.

ބައެއް ވިޔަފާރިވެރިން ރާއްޖޭގައި ޑޮލަރުން ޓްރާންސެކްޝަންތައް ހަދާކަން، މައްސަލައެއްގެ ގޮތުގައި އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމުން އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާއި ޑޮލަރުގެ ބޮޑު ތާށިވުމާ ގުޅިގެން، ރާއްޖޭގައި ޑޮލަރުގެ ހާލަތު ރަނގަޅުކުރަން އެމްއެމްއޭ އާއި ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.

ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހެދިޔަސް އަދިވެސް ރާއްޖޭގައި ބައެއް ހިދުމަތްތަކުގައި އަގު އަދާކުރަނީ ޑޮލަރުންނެވެ. މިސާލަކަށް ޓޫރިސްޓުން ތިބޭ ތަންތަނުން ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ގަބޫލުކުރެ އެވެ.

މިދިޔަ ހަފްތާގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ އާ ޕޭމެންޓް ސިސްޓަމާ އެކު ރާއްޖޭގައި ހިންގާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކުގައި ވެސް ބޭނުންކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާކަމަށް ހެދޭނެ ކަމަށެވެ.