24 މާޗް 2021 - 11:34

ގާހިރާ (މާޗް 24) - ބޮޑު ކޮންޓެއިނާ ބޯޓެއް ކޮންޓްރޯލް ނުވެ ހުރަސްވުމުގެ ސަބަބުން މިސްރުގެ ސުއޭޒް ކެނަލް ބަންދުވެއްޖެ އެވެ.
ކެނަލްގައި ބޯޓު ބީހުމުގެ ސަބަބުން އެ ބޯޓު ފުންކުރަން ދަތިވެ، އަދި އެތައް ބައިވަރު ކާގޯ ބޯޓެއް އެ ސަރަހައްދުގައި ވަނީ ތާށިވެފަ އެވެ.
ސުއޭޒް ކެނަލްގައި ހުރަސްވި 400 މީޓަރު (1،312 ފޫޓް) އަދި 59 މީޓަރު ފުޅާ "އެވަ ގިވަން" ފުން ކުރެވޭތޯ ޓަގް ބޯޓުތައް ވެސް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އެ ބޯޓު ފުން ކުރަން އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ސުއޭޒް ކެނަލަކީ މެޑިޓެރޭނިއަން އާއި ރަތް ކަނޑު ގުޅުވާލަ ދޭ ކޯރެވެ. ސުއޭޒް ކެނަލުން ދަތުރު ކުރުމުން އޭޝިއާ އާއި ޔޫރަޕަށް ކުރާ ދަތުރުގެ މަގު ވަރަށް ބޮޑުތަން ކުރުވެ އެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެވަ ގިވަން ބޯޓު ދަތުރު ކުރީ ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ބަނދެފައިވާ ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ ޓްރާންސްޕޯޓް ކުންފުނި އެވަގްރީން މެރިންއިންނެވެ. އެ ކުންފުނިން ބުނެފައި ވަނީ ބޯޓުގެ ކޮންޓްރޯލް ގެއްލި ކެނަލްގައި ހުރަސްވީ ގަދަ ވައިގެ ސަބަބުން ކަމަށެވެ.
މިއީ ސުއޭޒް ކެނަލް އަށް ބީހުނު އެންމެ ބޮޑު ބޯޓު ކަމަށްވެ އެވެ. ބޮޑު ދިޔައިގައި ބޯޓު ފުން ނުވެއްޖެ ނަމަ ކުންފުނިންް ބުނީ ދެން ކުރަން ޖެހޭނެ ކަމަކީ ބޯޓުން ކާގޯ ހުސް ކުރުން ކަމަށެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ވެސް ވަނީ ޖަޕާނުގެ ކޮންޓެއިނާ ބޯޓަކަށް ދިމާވި މެކޭނިކަލް މައްސަލައަކާ ގުޅިގެން އެ ކެނަލްގައި ބީހިވެފަ އެވެ. ނަމަވެސް މިސްރުން ވަނީ ޓަގު ބޯޓުތައް ފޮނުވައިގެން އެ ބޯޓު ފުންކޮށްފަ އެވެ.
ސަތޭކަ ނުވިދިހަ ތިން ކިލޯ މީޓަރު (120 މޭލު) ދިގު ކެނަލް ފުޅާކޮށް ފުންކުރުމުގެ ބޮޑު މަޝްރޫއެއް މިސްރުން ވަނީ 2015 ވަނަ އަހަރު ފަށައިފަ އެވެ. ސުއޭޒް ކެނަލުން މިދިޔަ އަހަރު ވަނީ 19،000 ބޯޓު ދަތުރުކޮށްފަ އެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނި ގޮތުގައި އެ ކެނަލް ހުރަސްކޮށް މިދިޔަ އަހަރު ވަނީ އެއް ބިލިއަން ޓަނުގެ ކާގޯ އުފުލައިފަ އެވެ. ސުއޭޒް ކެނަލުން މިސްރުގެ އިގްތިސާދަށް ވެސް ބޮޑު ފައިދާއެއް ކުރެ އެވެ. މިދިޔަ އަހަރު އެކަނިވެސް އެ ކެނަލުން ވަނީ އާމްދަނީގެ ގޮތުގައި 5.61 ބިލިއަން ޑޮލަރު ލިބިފަ އެވެ. ސުއޭޒް ކެނަލްގައި ދަތުރުކުރަން ފަށާފައި ވަނީ 1869 ވަނަ އަހަރުން ފެށިގެންނެވެ.