25 މާޗް 2021 - 08:05

މިހާރު މަގުބޫލުވަމުން އަންނަ ވޮއިސް ޗެޓް އެޕް "ކްލަބްހައުސް" ވަރަށް އަވަހަށް އެންޑްރޮއިޑަށް ވެސް ލިބެން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ލޯންޗްކުރި އެ އެޕް މި ވަގުތު ލިބެނީ ހަމައެނި އެޕަލްގެ ޑިވައިސްތަކަށެވެ.
"ކްލަބްހައުސް" ވުޖޫދަށް ގެނައި ކުންފުނި އަލްފާ އެކްސްޕްލޮރޭޝަނުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބުނި ގޮތުގައި އެ މީހުން އަންނަނީ އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ވީހާ ވެސް އަވަހަކަށް އެ އެޕް ބޭނުންކުރެވޭނެ ގޮތް ހަދަން މަސައްކަތްކުރަމުންނެވެ. އަދި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބުންޏެވެ.
އަލްފާގެ އެއް ބާނީ އަދި ކުންފުނީގެ ސީއީއޯ ޕޯލް ޑޭވިޑްސަން މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ އެންޑްރޮޮއިޑަށް "ކްލަބްހައުސް" ގެންނަން ވަރަށް ބުރަކޮށް އޭނާގެ ޓީމުން ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އެކަމަކު އަދިވެސް މަސްތަކެއް ނަގާނެ،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން ބޭނުންވޭ ވީހާ ވެސް ފުޅާ މާކެޓަކަށް ކްލަބްހައުސް ލިބޭނެ ގޮތް ހަދަން. މީގެ ފައިދާ ވެސް އިތުރުވެގެން އަންނާނީ އެކަން ކާމިޔާބުވުމުން."
ޓެކް ކްރަންޗުން ބުނެފައިވާ ގޮތުގައި ލަފާކުރެވޭ ގޮތުން "ކްލަބްހައުސް" އެންޑްރޮއިޑަށް އަންނާނީ ޖޫން އާއި ސެޕްޓެމްބަރު މަހާ ދޭތެރޭގަ އެވެ. އެކަމަކު ސީދާ ދުވަހެއް ކަށަވަރު ނުވިޔަސް މި އަހަރުގެ ތެރޭގައި އެކަން ވާނެކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށް ބުންޏެވެ. އަލްފާ އިން މިކަމަށް ވަކި ސީދާ ވަކި ޓައިމްފްރޭމެއް ކަނޑައަޅައިފައެއް ނެތެވެ.
"ކްލަބްހައުސް" އެޕްރީލްގައި ލޯންޗްކުރީ ޕޯލް އާއި ރޯހަން ސޭތު ގުޅިގެންނެވެ.
އެ ނެރުނު ދަނޑިވަޅަކީ މިދިޔަ އަހަރު ދުނިޔޭގައި ކޮވިޑް-19 ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެން ފެށި ދުވަސްވަރަށްވުމާ އެކު އެޕްގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވި އެވެ. އަހަރެއްވާން ކުޑަތަންވެފައިވާ އިރު "ކްލަބްހައުސް" ގެ އަގު މިހާރު ބިލިއަން ޑޮލަރަށް އަރަ އެވެ.