ރައީސްކަމުގެ މުއްދަތުގައި މުސާރަ ނުނަންގަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރައީސްކަމުގެ މުއްދަތުގައި މުސާރަ ނުނަންގަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވޮޝިންޓަން (ނޮވެމްބަރު 14) - އެމެރިކާގެ ރައީސް ކަމުގައި ހުންނަވާ މުއްދަތުގައި މުސާރަ ނުނަންގަވާނެ ކަމަށް ވެރިކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް ހޮވިވަޑައިގެންނެވި ފަހުން ދެއްވި ފުރަތަމަ ޓީވީ އިންޓަވިއުގައި ސީބީއެސް ނިއުސްގެ "60 މިނިޓްސް" ގައި ލެސްލީ ސްޓާލްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައީސް އަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ ކިހާވަރެއްކަން ވެސް އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މުސާރައިގެ ގޮތުގައި އަޅުގަނޑު ނަގާނީ އަހަރަކު 1 ޑޮލަރުހެން. އެކަމަކު އަޅުގަނޑަކަށް ނޭނގޭ ކިވާ ވަރެއްކަން ވެސް ލިބޭނީ. އެމެރިކާގެ ރައީސް އަށް ލިބޭ ވަރު އެނގޭތަ؟" ނިއު ޔޯކުގެ ބިލިއަނަރު ޓްރަމްޕް ވިދާޅުވި އެވެ.

"އެމެރިކާގެ ރައީސްގެ މޫސަރަ އަކީ އަހަރަކު 400،000 ޑޮލަރު،" ސްޓާލް ޖަވާބު ދިނެވެ.

ސްޓާލުގެ ޖަވާބަށް ފަހު ޓްރަމްޕް ވަނީ އޭނާ މުސާރަ ނުނަންގަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވާނީ މުސާރަ ނުނަންގަވާ އެމެރިކާގެ ތިން ވަނަ ރައީސް އަށެވެ. އެމެރިކާގެ 31 ވަނަ ރައީސް ހާބަޓް ހޫވާ އާއި ޖޯން އެފް. ކެނެޑީ ވެސް ވަނީ ރައީސްކަމުގެ މުސާރަ ޗެރިޓީ އަށް ހަދިޔާ ކުރައްވައިފަ އެވެ.

ޓްރަމްޕް ވަނީ ކެމްޕޭން ތެރޭގައި ވެސް، ސެޕްޓެމްބަރު 2015 ގައި، އިންތިޚާބު ވެއްޖެ ނަމަ ރައީސް ކަމުގެ މުސާރަ ނުނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފޯބްސް އިން އަންދާޒާކޮށްފައިވާ އިމާރާތް ކުރުމުގެ ވިޔަފާރީގައި އަރާ ހުންނެވި ޓްރަމްޕުގެ މިލްކިއްޔާތުގެ އަގު 3.7 ބިލިއަން ޑޮލަރަށް އަރަ އެވެ.