24 މާޗް 2021 - 12:55

ރ. އުނގޫފާރުން މިދިޔަ ހަފުތާގައި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވެ، ނެގި ސާމްޕަލްތަކުން، އެ އަތޮޅު ހުޅުދުއްފާރުން ވެސް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
މިއީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން، ކޮވިޑަށް ޕޮޒިޓިވްވި ފަސް ވަނަ މީހާ އެވެ. ހުޅުދުއްފާރުގެ އިތުރުން އެ އަތޮޅު މަޑުއްވަރީގެ މީހަކާއި ޅ. ނައިފަރު މީހެއްގެ އިތުރުން ކ. ދިއްފުށީގެ ދެ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އުނގޫފާރުން ހަ މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.
އެނގިފައިވާ ގޮތުގައި ހުޅުދުއްފާޜުން ޕޮޒިޓިވްވީ ވެސް، ބޭސް ފަރުވާއަށް އުނގޫފާރަށް ދިޔަ ކުއްޖެކެވެ. އުނގޫފާރުން ބަލި ފެނުމާއެކު، އެ ރަށަށް ދަތުރުކުރި އެންމެން ވެސް ކަރަންޓީނުވި އެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ސާމްޕަލް ނަގައި، އޭގެ ނަތީޖާ ނުލިބެނީސް އޭނާ ދެ ދުވަހަކު ސްކޫލަށް ވެސް ދިޔަކަމަށް ވެ އެވެ.
އެހެންވެ، މިހާރު އަންނަނީ، އެ ރަށް މޮނިޓަރިންއަށް ލައި، ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.
މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން އެންގުމުން، އެތައް ސަތޭކަ ބަޔަކު ވަނީ މިހާރު ގޭގައި ބަންދުވާން ޖެހިފަ އެވެ.