މެޗުތައް ނުކުޅެވުމުން ކޮންމެބޯލް އިން ފީފާގެ އެހީތެރިކަމަށް އެދިއްޖެ
މެޗުތައް ނުކުޅެވުމުން ކޮންމެބޯލް އިން ފީފާގެ އެހީތެރިކަމަށް އެދިއްޖެ

އަސުންސިއޯން، ޕެރަގުއޭ (މާޗް 24) - އެކި މައްސަލަތަކާ ހުރެ މި މަހު ކުޅެން ތާވަލުކުރި ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކުރަން ޖެހުމުން އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ބަދަލެއް ހޯދައި މިކަމުގައި ރަނގަޅު ހައްލެއް ހޯދުމުގެ ބޭނުމުގައި ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ފީފާގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މި މަހު ކުޅެން އޮތް ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ޝެޑިއުލްއާ އެއްގޮތަށް ނުދިޔައީ ކޮވިޑް-19ގެ ފެތުރޭތީ ގައުމުތަކުން ކަނޑައަޅާފައިވާ ކަރަންޓީނު ވުމުގެ އުސޫލުގައި ހުރި ކަންތައްތަކަށް ހައްލެއް ނުލިބުމުންނެވެ. އަދި ފީފާ އިން ކޮވިޑާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލެއްގެ ފައިދާނަގައި ކްލަބްތަކުން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދާތީ އެވެ. އެންމެ ގިނައިން ދެކުނު އެމެރިކާގެ ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރަން ދެކޮޅު ހެދީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ބޮޑެތި ކްލަބްތަކުންނެވެ.

ދާދި ފަހުން ބޭއްވި ކޮންމެބޯލްގެ ކޮންގްރެސްގައި ވާހަކަދައްކަމުން އެ ފެޑެރޭޝަންގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް ވިދާޅުވީ ފުޓްބޯޅަ އިން ކުރިއަށް ދިއުމަށް ދެކުނު އެމެރިކާ އިން ކުރާ މަސައްކަތަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށާއި އޭގެ ސަބަބަކީ ފީފާގެ ބައެއް ނިންމުންތައް ހުރި ގޮތް ކަމަށްވާއިރު، މިކަމުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.

"ދުނިޔޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް ބެލިޔަސް ދެކުނު އެމެރިކާ އަކީ ބޮޑު ހިއްސާއެއް އޮންނަ ބައެއް. ދެކުނު އެމެރިކާ ފުޓްބޯޅަ ކުރިއަަރަނީ ގައުމީ ޓީމުތަކުގެ މެޗުތައް ގަވާއިދުން ކުޅެގެން. އެކަމަކު ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މި ގޮތަށް ފަސްވާތީ ވަރަށް އުނދަގޫ،" ޑޮމިންގޭޒް ވިދާޅުވި އެވެ. "އަހަރެމެންނަށް މި ލިބޭ ގެއްލުމުގެ ބަދަލުތަކެއް ފީފާ އިން ހޯދައިދޭން ޖެހޭ،"

ނޯމަލް ހާލަތްތަކުގައި ފީފާ އިން ގައުމީ ޓީމުތަކުގެ މެޗުތަކަށް ކަނޑައަޅާފައިވާ ތާރީހުގައި ކުޅެން ޝެޑިއުލްކުރާ މެޗުތަކަށް ކުޅުންތެރިން ރިލީސްކުރަން މަޖުބޫރެވެ. އެކަމަކު ކޮވިޑް-19އާ ހެދި ފީފާ އިން އަމަލުކުރަން ފެށި ހާއްސަ އުސޫލުގެ ދަށުން ކަރަންޓީިނު ވާން ޖެހުމާއި މި ފަދަ ކަންކަމާ ހުރެ ކުޅުންތެރިން ރިލީސްކުރުމުގެ ކަންތައްތައް ވަނީ ކްލަބްގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.

ޑޮމިންގޭޒް ވިދާޅުވީ ކުޅުންތެރިން ރިލީސްކުރުމުގައި މި ހުރި ކަންތައްތަކާ މެދު ވީ އެންމެ އަވަހަކަށް ގޮތެއް ނިންމަން ދުނިޔޭގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން މަޝްވަރާކުރަން ޖެހޭ ކަމަށާއި މިއީ އިތުރަށް ލަސްކުރަންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

ދާދި ފަހުން ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ އާންމު ހާލަތުގައި ހިންގާ އުސޫލުން ކުރިއަށްގެންދަން ބަލާއިރު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އޭގެ މާނަ އަކީ އަބަދުވެސް މެޗުތައް ފަސްކުރަން ޖެހޭ ގޮތްވުން ނޫން ކަމަށާއި ކަރަންޓީނު ވާންޖެހޭ އުސޫލުތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް ފީފާ އިސްވެ ހައްލެއް ގެންނަން ޖެހޭ ކަމަށް ކެފެރިން ވިދާޅުވި އެވެ.