24 މާޗް 2021 - 09:06

އާދިއްތަ ދުވަހާ ގުޅޭ
"މީ ކޯއްޗެއް ފާރުގަ ހަރުކޮށްފަ މިހިރީ؟" އަހަރެން ސުވާލުކުރީމެވެ.
"އާނ ތިޔާ ނުކުޅޭތި!" މަންމަ ކުޑަކޮށް ނުތަނަވަސްވެފައި ބުންޏެވެ. "ތީ ވަރަށް ރަނގަޅު އެއްޗެއް. ތީގެން ގޯތިގެދޮރަށް ރައްކާތެރިކަން ލިބޭނެ."
އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ގޯތިގެދޮރާއި، ދިރޭ ހުރިހައި މަހުލޫގަކާއި، މުޅި ކައުނުގެ ވެސް ވެރިފަރާތަކީ މާތްރަސްކަލާނގެއެވެ. ފަންޑިތަހަދައިގެން ގެދޮރު ބަލަހައްޓަން ހަވާލުކުރަނީ ޖިންނިސައިތާނުންނާއެވެ. އެއީ ވެސް މާތްރަސްކަލާނގެ ހެއްދެވި މަހުލޫގެކެވެ. ﷲ ފިޔަވައި އެހެން ފަރާތަކުން އެ ކަހަލަ މަދަދަށް އެދުމަކީ ހުއްދަކަމެއް ނޫނެވެ.
"ތީ މަންމަގެ ރައްޓެއްސެއް ދިން އެއްޗެއް،" މަންމަ ބުންޏެވެ. "އޭނަ ބުނި ގޭތެރެ އަމާންވާނޭ ވެސް."
އަހަރުމެންގެ ގޭގެ ރައްކާތެރިކަމާއި އަމާންކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއޭ އަހަރެން ހިތަށްއެރިއެވެ. މަންމައާއި ޒުމްރާ އެއްގަލަކަށް ނޭރެއެވެ. އަހަންނާއި ޒުމްރާގެ ކައިވެނި އޮތީ ލިހިލިހިއެވެ. ހައިފާގެ ދޫ ގޮށްޖެހިއްޖެއެވެ. ތަނަކުން މީހަކު ދޭހާ އެއްޗެއް، އަހަންނަށް ނުވެސް އެނގި މަންމަ ހިއްޕަނީ ކީއްކުރަން ހެއްޔެވެ؟ އެކަމަކު މަންމަގެ ހުއްދަޔާ ނުލައި އެ އެއްޗެއް ނައްޓައިފިއްޔާ ދެން ވާނެ ގޮތް އަހަންނަށް އެނގެއެވެ. ގޭގައި މީހަކު ކިނބިއްސެއް އެޅިޔަސް އޭގެ ޒިންމާ ވެސް ނަގަންޖެހޭނީ އަހަންނެވެ.
"އެހެންވިއްޔާ ކޮންމެހެން ވެސް ޖެހޭނެ ބަހައްޓަން." އަހަރެން ބުނީމެވެ.
ފާރުގައި ހިއްޕައިފައި ހުރީ ފަތްޖަހައިފައިވާ ކަރުދާސްކޮޅެކެވެ. އަހަރެން ހަމަ އެ ގޮތަށް ކަރުދާސްކޮޅެއް ފަތްޖަހައި ތައްޔާރުކޮށްލީމެވެ. ލިބުނު އެންމެ ފުރަތަމަ ދަނޑިވަޅުގައި ދެ ކަރުދާސްކޮޅު ބަދަލުކޮށްލީމެވެ. ފަންޑިތަ ހިފައިގެން ގޮސް ރުގުޔާކުރާ ރައްޓެއްސަކަށް ދެއްކީމެވެ. އޭނަ ކަރުދާސްކޮޅު ހުޅުވައިފައި އަހަންނަށް ދެއްކިއެވެ. ބިސްމި ލިޔެފައި އޮތީ އެއް ތަންކޮޅު އުނިކޮށެވެ. ޤުރުއާނުގެ އާޔަތްތަކުގެ ބައެއް ތަންތަންކޮޅު ހުރީ ބަދަލުކޮށްފައެވެ. އޭނަ ނަންތަކެއް ވެސް ދެއްކިއެވެ.
"މީ ޖިންނިސައިތާނުންގެ ނަންނަން. ތަނަކުން މީހަކު ދޭހާ އެއްޗެއް ގަބޫލުކުރަން ހެޔޮނުވާނެ،" އޭނަ ބުންޏެވެ. "އަހަރެން މިއަދު މި ނައްތާލާނަން. ދެން މި ކަމާ ވިސްނާނެ ކަމެއް ނެތް."
"ތީ އަސްލު ކީއްކުރަން ހަދާފަ ހުރި ފަންޑިތައެއް؟" އަހަރެން އެހީމެވެ.
"ކީއްކުރަން ބަލަނީ؟" އިރުކޮޅަކު ވިސްނަން އިނދެފައި އޭނަ ބުންޏެވެ. "މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މި އެތި ނައްތާލުން. އޭރު އިރާދަކުރެއްވިއްޔާ މި ކަމުން ސަލާމަތްވީ."
ވަރަށް މަޑުމަޑުން ހައިފާ ރަނގަޅުވާން ފެށިއެވެ. ރަނގަޅުވީ ވަކި މިވެނިކަމެއް ކޮށްގެންނޭ ބުނަން ނޭނގޭހާ ގިނަ ކަންތައް ކުރެވުނެވެ. ދެނަމާދު ދޭތެރޭގައި ހައިފާ ކައިރީގައި ބައިންދައިގެން ގުރުއާން ކިޔެވީމެވެ. ހާއްސަކޮށް ބަޤަރާ ސޫރަތް ފެނަށް ކިޔަވައިފައި އެ ފެން ހައިފާއަށް ބޯންދިނީމެވެ. ފަސް ނަމާދުގެ އިތުރުން ސުންނަތް ނަމާދުތައް ވެސް އަހަރުމެން ކުރީމެވެ. ދުއާކުރީމެވެ. ރަނގަޅުވާނެކަމަށް ހީވާ ހުރިހާ ކަމެއް ކުރީމެވެ. ފަންޑިތަހެދުން ފިޔަވައެވެ. އެ ކަމެއް ނުކުރަމެވެ. ހަމަ އެހެންމެ އެއްވެސް ބޭހެއް ހައިފާއަކަށް ނުދެމެވެ. އޭނަ ޓިއުޝަނަށް ފޮނުވުން ހުއްޓައިލީމެވެ. ގޭގައި ވެސް ފިލާވަޅު ހަދާ ވަގުތު މަދުކުރީމެވެ. އެ ފަހަރު ޒުމްރާގެ އެހީތެރިކަން ވެސް ލިބުނެވެ.
ހައިފާގެ އެންމެ މަގުބޫލު ކާޓުނު ކަމުގައިވާ މައި ލިޓްލް ޕޯނީގެ ދުނިޔެއިން ހައިފާ ނެރުނީމެވެ. އެ ކާޓޫނު ދެއްކުން ހުއްޓައިލައި، ޓެބުލެޓުން އެ ގޭމުތައް ފުހެލައި، އެ ކާޓޫނު ޖަހައިފައި ހުރި ސާމާނުތައް، އެއްޗެއް ނުޖަހާ ހުންނަ ސާމާނުތަކަށް ބަދަލުކުރީމެވެ. ހައިފާއަށް ފާހަގަނުވާނެހާ ލަސްލަހުން، ސިއްރުސިއްރުންނެވެ. ކޮންމެ އެއްޗެއް ވެސް ބަދަލުކުރަނީ ހައިފާ ނިދައިފައި އޮންނަ ވަގުތުއެވެ.
ކުރިން އަހަންނަކީ ވަރަށް ގިނަ ވަގުތު އޮފީހުގައި އުޅުނު މީހެކެވެ. އެ ކަން ވެސް ބަދަލުކުރީމެވެ. ދަންފަޅި ނިމުމަށް ފަހު އަހަރެން އޮފީހަކަށް ނުދަމެވެ. އެހެން ތާކަށް ވެސް ނުދަމެވެ. އިންނަނީ ގޭގައި ހައިފާ ކައިރީގައެވެ. އެއީ އަމިއްލައަށް ފެނިގެން އަހަރެން ކުރި ކަމެކެވެ. އެހެން ހެދުމުން ހައިފާ އެކަނި އަބަދު ގޭމުކުޅޭކަށް ނީނދެވޭނެއެވެ. ހަވީރު ހައިފާ ގޮވައިގެން ދަނީ ސައިކަލުދުއްވައިލާށެވެ. އެކަަމަކު ކުޑަކުދިންގެ ބަގީޗާއަށް ގެންދިޔަސް، ޖުމްހޫރީ މައިދާނުގެ ކޮތަރުތައް ކައިރިއަށް ގެންދިޔަސް ހައިފާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. އެހެން ކުދިން ދުވެ، ސަކަރާތްޖަހާ ތަން ބަލަން ގަބުވެފައި ހުންނަނީއެވެ. އެއްޗެއް ބުނެލަނީ ހާލަކުން ފަހަރަކުއެވެ. ހައިފާ ރަނގަޅުވަމުން އައި ދުވެލީގައި އަހަންނާއި ޒުމްރާގެ ގާތްކަމަށް ވެސް ހެޔޮ ބަދަލުތައް އައެވެ.
ހައިފާ ވާހަކަދައްކާތޯ، ކެތްތެރިކަމާ އެކުގައި އަހަރެން މަސައްކަތްކުރީމެވެ. ދަރިފުޅު ހިތުގައިޖެހޭ ނުވަތަ ހާސްވާ ކަހަލަ ކަމެއް ހިނގިޔަނުދޭން، ކުރިޔަށް ވުރެ ބޮޑަށް އަހަރުމެން ސަމާލުކަން ދިނީމެވެ. ދަރިޔަކު ކުއްލިއަކަށް މަންމަންވުމަކީ ކާކު ހިތަށް ކެތްވާނެ ކަމެއް ހެއްޔެވެ؟ އަހަންނަކީ ދަރިފުޅަށް އަނިޔާކުރާ މީހެއް ނޫނެވެ. ހައިފާ ބަސްނޭހިޔަސް ބޮޑު ވަރަކަށް އަހަރެން ކުރާ ކަމަކީ ތަންކޮޅެއް ބާރަށް އެއްޗެއް ބުނުމެވެ. ހައިފާ ދެކެ ޒުމްރާ ކިތަންމެ ރުޅިއަޔަސް ހައިފާ ދެރައެއް ނުވެއެވެ. އަހަރެން ބާރަށް އެއްޗެއް ބުންޏަސް ހައިފާގެ މޫނުމަތީގައި އެތިފަހަރެއް ޖެހުން ކަހަލައެވެ. މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ، އެކަނިމާއެކަނި އިނދެގެން އޭނަ ރޯނެއެވެ. އަހަންނަށް އެ ކަން އެނގެއެވެ. އެކަމަކު ރޯން އިންދައި ރޮނީހޭ އެހިޔަސް އޭނަ ރޯކަމަކަށް ނެހެދޭނެއެވެ. އެ ގަޑީގައި އޭނަ ކައިރީގައި މީހަކު ހުންނާކަށް ވެސް އޭނަ ބޭނުމެއް ނުވާނެއެވެ. ހައިފާއަކީ އެ ކަހަލަ ކުއްޖެކެވެ. ވީމާ، ބާރަށް އެއްޗެއް ބުނުން ވެސް އަހަރެން ހުއްޓައިލީމެވެ. ލޯބިން ވިސްނައިދިނުން ފިޔަވައި އެހެން ކަމެއް ނުކުރަމެވެ.
ލީޒާ ކުރި ތަހުލީލުތަކުގެ ރިޕޯޓު ލިބުނު އިރު ހައިފާ ވަރަށް ބޮޑަށް ރަނގަޅުވެއްޖެއެވެ. ލީޒާގެ ރިޕޯޓަކުން އެއްވެސް ފައިދާއެއް ނުކުރިއެވެ. ހައިފާއަށް އެހެން ވާން މެދުވެރިވި ސަބަބެއް އަދި ހައްލެއް ވެސް އެއަކު ނެތެވެ. ލަފައެއް އިރުޝާދެއް ވެސް ނެތެވެ. ރިޕޯޓު ލިބުނީ ވެސް ދެތިން މަސް ފަހުންނެވެ. ލީޒާގެ ކުލިނިކަށް ހިދުމަތް ހޯދަން އަންނަ މީހުންތައް އޮންނަނީ ތަނުގައި ތޮއްޖެހިފައެވެ. ހުރިހާ ކުދިންނަކަށް ލީޒާއަކަށް ވަގުތެއް ނުވެސް ދެވެއެވެ. ލީޒާއަށް ދެއްކުމަށް ފަހު ކުދިންގެ ކަންތައް ބަލަހައްޓަނީ ތަނުގައި އުޅޭ އެހީތެރިންނެވެ. ތެދަށް ބުނާ ނަމަ، އެހީތެރިންނަށް ވެސް އޮންނަނީ ވަގުތު ނުވެފައެވެ. ތަން އޮންނަނީ ބޮއްސުންލައިފައެވެ.
ހައިފާ އެއްކޮށް ރަނގަޅުވާން ފަސް ވަރަކަށް މަސް ނެގިއެވެ. އޭނަ ރަނގަޅުވީތީ އަހަރެން އުފާކޮށް ޝުކުރުކުރީމެވެ. އޭނަ ގޯސްވީ ކީއްވެކަމާއި ރަނގަޅުވީ ކީއްވެގެންކަން ނޭނގޭތީ ހިތުގައި ބިރުވެރިކަމެއް ވެސް އޮތެވެ. ދެން އެހެންވިޔަ ނުދޭން ކުރާނެކަމެއް ނޭނގޭތީއާއި އެހެން ވެއްޖެއްޔާ ހަދާނެ ގޮތެއް ވެސް ނޭނގޭތީއެވެ. ކުރިން ނުގެންގުޅޭ އުސޫލެއް ފަހުން އަހަރެން ގެންގުޅެން ފެށީމެވެ. އެއީ އެއް ކަމެއް ތެރެއަށް މާ ބޮޑަށް ހައިފާ ވަނަ ނުދިނުމެވެ. ކުޅުން ވިޔަސް، ކިޔެވުން ވިޔަސް ވެހެވެ. ޒުމްރާއާއި އަހަރެން ވެސް ބެލީ މެދު މިންގަނޑެއްގައި ހިފޭއްޓޭތޯއެވެ.
ހައިފާ އެއްކޮށް ރަނގަޅުވުމުން އަހަރެން އެއް ފަހަރު ހައިފާޔާ ސުވާލުކުރީމެވެ. ވީ ކީއްތޯ އެހީމެވެ. ހައިރާންވި ކަމަކީ، މުޅި ހާދިސާ ހައިފާ ހަނދާންނެތިފައިވާކަމެވެ. ވާހަކަނުދެއްކުނު ދުވަސްތައް ހައިފާގެ ހަޔާތަށް ނާންނަ ކަހަލައެވެ. އަހަރުމެން ނިންމީ އަހަރުމެން ހައިފާއާ އެ ސުވާލު ނުކުރާށެވެ. އަދި އެ ބިރުވެރި ހާދިސާ ހަނދާންނައްތާލާށެވެ. މީހުން ކައިރީގައި ވެސް އެ ވާހަކައެއް ނުދައްކަމެވެ. އާއިލާގެ ވެސް ގިނަ މީހުންނަކަށް އެ ކަމެއް ނޭނގޭނެއެވެ.
އަހަރެންގެ ހަޔާތުގައި ބޮޑެތި ކަންކަން ދިމާވިއެވެ. އެކަމަކު ހައިފާގެ ހާދިސާހާ ސިކުނޑި ސުމަކަށް ދުއްވާލި ކަމަކާ ދިމައެއް ނުވެއެވެ. ބަލިވީމައި ޑަކުޓަރަށް ދައްކަން އެނގެއެވެ. ރާއްޖެއިން ނޫނީ ރާއްޖެއިން ބޭރުން ވެސް ފަރުވާކުރެވެއެވެ. ރުޅިއައީމަ ދެން ހަދަންވީ ގޮތް ވެސް އެނގެއެވެ. އަތްމަތި ދަތިވެއްޖެއްޔާ މަސައްކަތްކުރީމަ އަތްމަތި ތަނަވަސްވާނެކަން އެނގެއެވެ. ހައިފާއަށް ދިމާވި ހާދިސާއިން ސަލާމަތްވާނެ ގޮތެއް ނޭނގުނީއެވެ. ހުރި އެންމެ ދަރިއެކެވެ. މަންމައާއި ބައްޕައަކަށް ވެސް ދަރިފުޅަކާ ވާހަކައެއް ނުދެއްކުނެވެ. އެއް ދުވަހެއް ދެ ދުވަހެއް ނޫނެވެ. އެތައް މަހެކެވެ. ގޭގައި އުޅެނީ މަންމަން ބުދެކެވެ. ބޭންދި ތާކު އިނދެއެވެ. ބޭއްވި ތާކު އޮވެއެވެ. އަހަރެންގެ ހިތަށް ކުރި އަސަރު އެނގޭނީ އަހަންނަށެވެ. އެއްވެސް މީހަކަށް މިހެން ވާކަށް އަހަރެން ނޭދެމެވެ. ދަރިފުޅު އަނގައިން ބުނެލާ އަޑު އަހާލާ ހިތުން އަހަރެން މޮޔަވާ ވަރުވިއެވެ. އަހަރުމެންނަށް ގޮތް ހުސްވަމުން، އެކަކު އަނެކަކުގެ ބޮލުގައި ތުހުމަތު އަޅުވަމުން ގޮސް އަހަރުމެންގެ ކައިވެނި ނުރޫޅުނީ ވެސް ހަމަ ކިރިޔާއެވެ.
ހައިފާއަށް ދިމާވި ހާދިސާއާއި، ކުޑައިރު ހައިފާ ކޮޓަރީގެ މަތީ ކަނަށް ބަލައިފައި ހުނުމާއި، ފަހުން ހައިފާއަށް ފެނުނު ކަމަށް ބުނާ ކުޑަކުއްޖާޔާ އެއްވެސް ގުޅުމެއް އޮތްހެނެއް އަހަންނަކަށް ހިޔެއް ނުވެއެވެ. އެއީ، ޅައުމުރުގެ ޖިންނިއަކާއި އިންސާނަކާ ދެމެދު އެކުވެރިކަން އުފެދިއްޖެ ނަމަ، އެ ކަމުން ސަލާމަތްވުމަކީ ފަސޭހަކަމެއް ނޫނެވެ. ރުޤްޔާ ނުކޮށް ޖިންނި ފައްސައެއް ވެސް ނުލެވޭނެއެވެ. އަމިއްލައަށް ފެނިގެން އެ ސޮރެއް ނުވެސް ދާނެއެވެ. އެކަމަކު އަހަރުމެން އިންސާނުންނަށް ކަމެއް ދިމާވާ އިރަށް ވަރަށް ފަސޭހައިން ރޫހާނީ ބާރަކާ ގުޅުވައިލެވެއެވެ. މަންމަ ފާރުގައި ތަތްކުރި ފަންޑިތައާއި ހައިފާއަށް ދިމާވި ކަންތަކާ ވެސް އަހަންނެއް ނުގުޅުވަމެވެ.
އަހަރުމެންގެ ހަޔާތަށް ނުއަތުން ޖެހިލި ރޯޅި، ނަގޫރޯޅިއަކަށް ބަދަލުވުމުގެ ކުރިން އަހަރުމެން ސަލާމަތްވީއެވެ. ﷲ ގެ އިރާދަފުޅާ އެކުގައެވެ. އެކަމަކު ހައިފާގެ އެ ހާދިސާއަކީ އަހަރުމެންގެ ހަޔާތަށް އައި އެނބުރޭ ވައިރޯޅިއެކެވެ. ބޮޑު ގެއްލުމެއް ނުލިބެއެވެ. އަވަހަށް ސަލާމަތް ވެސް ވިއެވެ. އެހެނަސް ބައެއް ކަންކަން އެހެން ގޮތަކަށް ބަދަލުކޮށްލަށް އެ އެނބުރޭ ވައިރޯޅި އެހީވިއެވެ. އަހަރެން ބެލީ އެއީ ލުއި އިންޒާރެއް ކަމަށެވެ. އޮރެންޖު ސިގުނަލެއް ކަމަށެވެ. މި ވާހަކަ އަހަރެން މި ކިޔައިދިނީ ފަހަރެއްގައި އެހެން މީހަކަށް މިއިން އިބުރަތެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. މިއީ މާލޭގައި ހިނގި ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ