24 މާޗް 2021 - 10:36

މޮސްކޯ (މާޗް 24) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކޮވިޑް ވެކްސިން އިއްޔެ ޖައްސަވައިފި އެވެ. ނަމަވެސް ކެމެރާތަކުގެ ކުރިމަތީގައެއް ނޫނެވެ.
ޕުޓިން ވެކްސިން ޖެއްސެވީ އެހެން މީހުން ވެސް ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ރައީސްގެ ގަނޑުވަރު ކްރެމްލިން އިން ބުނެފައިވެ އެވެ. ވެކްސިން ކެމްޕޭނަށް ހިތްވަރު ދިނުމުގެ ގޮތުން ޕުޓިން އާއްމުންނަށް ނުފެންނަ ގޮތަށް ވެކްސިން ޖެއްސެވުމުން ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. ދުނިޔޭގެ އެހެން ލީޑަރުން ކަމަށްވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިނގިރޭސި ރާނީ އެލިޒަބަތު ފަދަ ފަރާތްތައް ވެކްސިން ޖެއްސެވީ ކެމެރާތަކުގެ ކުރިމަތީގަ އެވެ.
ޕުޓިންގެ ވެރިކަމުގެ ވިއްސަކަށް އަހަރުތެރޭ ވަނީ ކުރައްވާ ބައެއް ކަންކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކެމެރާތަކުގެ ކުރިމަތީގައި ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އަސް ދުއްވުމާއި އައިސް ސްކޭޓިން، ވަރަށް ގަދަ ފިނީގައި ފެއްތެވުމާއި ބޮކްސިން ތެޅުއްވުން ހިމެނެ އެވެ.
ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ ރަޝިޔާގައި ތިން ވެކްސިން އުފައްދައި، ބޭނުން ކުރަމުންދާއިރު އެ ތަނުން ޕުޓިން ޖެއްސެވީ ކޮން ވެކްސިނެއްކަން އެނގެން ބޭނުން ނުވާ ކަމަށެވެ. އެއީ އަނެއް ދެ ވެކްސިންއާ މެދު އިތުބާރު ކުޑަވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕެސްކޯފް ވިދާޅުވީ ރަޝިޔާގައި އުފައްދާފައިވާ ތިން ވެކްސިނަކީ ވެސް ވަރަށް އިތުބާރު ހުރި ރައްކާތެރި ވެކްސިން ކަމަށެވެ.
ރަޝިޔާގައި އުފައްދާފައި ވަނީ ސްޕުޓިނިކް ވީ، އެޕިވެކްކޮރޯނާ އަދި ކޮވިވެކް އެވެ. އެކަމަކު ގިނަ މީހުންގެ ފޯކަސް ހުއްޓިފައި ވަނީ ސްޕުޓިނިކް ވީ ވެކްސިނަށެވެ.
ރަޝިޔާގެ 144 މިލިއަން މީހުންގެ ތެރޭން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ އެންމެ ހަތަރު މިލިއަން މީހުންނެވެ. އިތުރު ދެ މިލިއަން މީހުން ވަނީ އެއް ޑޯޒް ޖަހައިފަ އެވެ. ރަޝިޔާ އަކީ ކޮރޯނާވައިރަސް އެންމެ ވަރުގަދަ އަށް ފެތުރޭ އެއް ގައުމެވެ. އެ ގައުމުން މިހާތަނަށް 4.4 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 95،000 މީހުން ވަނީ މަރުވެފަ އެވެ.