ކޮވިޑް ވެކްސިން ޖަހައިގެން ރޯދައެއް ނުގެއްލޭނެ: ސައޫދީގެ އިސް މުފްތީ
ކޮވިޑް ވެކްސިން ޖަހައިގެން ރޯދައެއް ނުގެއްލޭނެ: ސައޫދީގެ އިސް މުފްތީ

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ޖަހާ ވެކްސިނުން ރޯދަ ނުގެއްލޭނެ ކަމަށް ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ވެރިޔާ ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚް ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް މަހުގެ 12 ނުވަތަ 13 ގައި ފެށޭ ރޯދަ މަހު ވެސް ކޮވިޑް ވެކްސިން ދިނުން ގައުމުތަކުގައި ކުރިއަށް ގެންދަން ޖެހޭއިރު ވެކްސިންގެ ސަބަބުން ރޯދަ ގެއްލޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

"ކޮވިޑް-19 ގެ ވެކްސިން ޖަހައިގެން ރޯދައެއް ނުގެއްލޭނެ. ސަބަބަކީ އެއީ ކެއިން ބުއިން ފަދަ ކަމަކަށް މާނަކުރެވޭ ކަމަކަށް ނުވުން. އަދި މިއީ މަސްގަނޑަށް ޖަހާ ވެކްސިނަކަށް ވާތީ އޭގެ ސަބަބުން ރޯދައެއް ނުގެއްލޭނެ،" ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚްއާ ހަވާލާދީ ސައޫދީގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ރޯދަ މަހު ވެކްސިން ދިނުމާ ގުޅޭ ގޮތުން އިސްލާމީ އެކި ގައުމުތަކުން ވަނީ ނިންމުންތައް ނިންމައިފަ އެވެ.

ޔޫއޭއީގެ އިސް މުފްތީ އަދި ފަތުވާ ޑިޕާޓްމަންޓުގެ އިސް ވެރިޔާ ޝައިޚް ޑރ. އަހްމަދު ބިން އަބްދުލްއަޒީޒް އަލް ހައްދާދް ވެސް ވަނީ ކޮވިޑް ވެކްސިން ޖެހިޔަސް ރޯދަ ނުގެއްލޭނެ ކަމަށް ފަތުވާ ނެރުއްވައިފަ އެވެ. އެއާ އެކު އެ ގައުމުގެ ޑޮކްޓަރުން ވަނީ ރޯދަ އަށް ހުރެ ވެކްސިން ޖެހުން ރައްކާތެރިކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.