23 މާޗް 2021 - 20:49

ކ. ހުރާ އިން ބަލިވެގެން މާލެ ގެނައި މީހަކާއި ހާއްސަ ހުއްދައިގެ ދަށުން ގއ. ވިލިނގިއްޔަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހުރާ ކައުންސިލުން ބުނި ގޮތުގައި އެ ރަށުން އިއްޔެ މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވި އިރު، އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބަޔަކު ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ އާއިލާގެ މީހުން ކަމަށާއި އެ އެންމެން ވެސް މިހާރު ތިބީ ހޯމް ކަރަންޓީނުގައި ކަމަށް ބުންޏެވެ.
"ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ތިބި އިރު އެ މީހުން ވެސް އިތުރު މީހުންނާ ބައްދަލުވެފައިވޭ. މިހާރު ވެސް މި ގެންދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން،" އެ ރަށު ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވި އެވެ.
ކޮވިޑް ޖެހިފައި ހުރިތޯ ބެލުމަށް، އެ ރަށުގެ 150 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައިގެ ދަށުން، ވިލިނގިއްޔަށް ދިޔައީ ވެމްކޯގެ މުވައްޒަފެކެވެ. އޭނާއާ އެ ރަށުގެ ދެ މީހަކު ވަނީ ބައްދަލުވި އެވެ. އަދި އެ ދެ މީހުންނާއި އެ މީހުންނާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުުރަމުންނެވެ.
ރަށްރަށުން ކޮވިޑް ކޭސްތައް ފެނުން މިހާރު ވަނީ އިތުރުވެފަ އެވެ. ކޭސްތައް ފެނިފައިވާ 10 ރަށަކަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި، ރ. އުނގޫފާރު ކްލަސްޓާގައި ހިމެނޭ ޅ. ނައިފަރާއި ކ. ދިއްފުއްޓާއި ރ. މަޑުއްވަރި ހިމެނެ އެވެ.