23 މާޗް 2021 - 20:33

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ ބަންދުކުރުމާ އެކު، މެދު ރާއްޖެެތެރޭގެ ގިނަ ބަޔަކު ބޭސްފަރުވާގެ ހިދުމަތް ހޯދަމުން އަންނަނީ ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުންނެވެ. ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު އަރައިފައިބާ އެ ރަށަށް، ދުރު ރަށްރަށުން ވެސް މީހުން ދެ އެވެ.
އެކަމަކު މިދިޔަ ހަފުތާގައި އެ ރަށުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ އެކު، އެ ހުރިހާ ރަށަކަށް ވެސް ބިރުވެރިކަން ވަނީ ފެތުރިފަ އެވެ. ރ. އަތޮޅުގެ އެހެން ރަށްރަށަށް ވެސް ޖައްސާ، މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިންތަކެއް ޕޮޒިޓިވްވުމާ އެކު، އެ މީހުންނާ ދިމާވި، އެ އަތޮޅުގެ ގިނަ ރަށްރަށުގައި ބިރުވެރިކަން ބޮޑުވި އެވެ.
މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން އެންގުމުން، އެތައް ސަތޭކަ ބަޔަކު ވަނީ މިހާރު ގޭގައި ބަންދުވާން ޖެހިފަ އެވެ.
މިހާތަނަށް އުނގޫފާރުން ވަނީ ކޮވިޑްގެ ހަ ކޭސް ފެނިފަ އެވެ. އަދި ގިނަ ބަޔަކު ލަފާކުރި ގޮތަށް، އެ ބަލި، މިހާރު އިތުރު ރަށްރަށަށް ވަނީ ފެތުރިފަ އެވެ.
ބޭސްފަރުވާއަށް، ޅ. ނައިފަރުން އުނގޫފާރަށް ދިޔަ މީހަކު ޕޮޒިޓިވްވެފައި ވާއިރު، ކ. ދިއްފުށިން އެ ރަށަށް ދިޔަ ދެ މީހަކަށް ވެސް ވަނީ ބަލިޖެހިފަ އެވެ. އަދި އެ އަތޮޅު މަޑުއްވަރިން ވެސް މިހާރު ވަނީ ބަލި ފެނިފަ އެވެ. މި އެންމެންނަކީ ވެސް، މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އުނގޫފާރަށް ދިޔަ މީހުންނެވެ.
އުނގޫފާރަށް ދިޔަ އެންމެންގެ ވެސް ބައްޔަށް ޓެސްޓު ކުރި ނަމަވެސް، އަދި ހުރިހާ އެންމެންގެ ނަތީޖާއެއް ނުލިބެ އެވެ.
އުނގޫފާރުން ކޮވިޑް ޖެހިދާނެ ކަމަށް ލަފާ ކުރެވޭ މުއްދަތުގައި އެ ރަށަށް ދިޔަ އެންމެން ވެސް މިހާރު ތިބީ ހޯމް ކަރަންޓީނުގަ އެވެ. އެކަމަކު، އެކަން އެނގުމުގެ ކުރިން، އެ އެންމެން ވެސް ރަށުތެރޭގައި އުޅުނެވެ. ނައިފަރުން ޕޮޒިޓިވްވި އެ ރަށުގެ ނަރުސް، ޑިއުޓީއަށް ނުކުމެ ގިނަ ބަޔަކަށް ހިދުމަތް ދިނެވެ. އަދި ދިއްފުށީ މީހުން، އާއްމުންގެ ތެރެއަށް ވެސް ނުކުމެ އުޅުނެވެ. އެހެންވެ، އެ ރަށްރަށުގައި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އެބައޮތެވެ.