23 މާޗް 2021 - 18:24

ކުރިއަށް އޮތް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ރަސްމީ މަސައްކަތު ގަޑި އަކީ ހެނދުނު ނުވައަކުން މެންދުރު ފަހު އެކަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ އިއުލާނެއްގައި ބުނީ އަންނަ އޭޕްރީލް 13 ގައި ފެށޭނެ ކަމަށް ބެލެވޭ ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މަސައްކަތްކުރާ ވަގުތު ބަދަލު ކުރި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރާނީ، ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.
ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މިދިޔަ ފެބުރުއަރީ ދޭއްގައި އާއްމުކުރި އުސޫލުގައިވާ ގޮތުން، ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް މުވައްޒަފުން ކުރާނީ ގޭގަ އެވެ. އަދި މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހާ ވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރުމާއި ނުރަސްމީ ވަގުތުތަކުގައި އޮފީހުގައި މަސައްކަތް ނުކުރާ ގޮތަށް ރޭވުމަށް ވެސް އުސޫލުގައި ބުނެފައި ވެ އެވެ.
އެހެން ރޯދަ މަސް ތަކުގައި ވެސް އާއްމުކޮށް، ސަރުކާރު އިދާރާތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު ނުވައަކުން މެންދުރު އެކަކަށެވެ.