23 މާޗް 2021 - 17:36

ރ. އުނގޫފާރުން މިދިޔަ ހަފުތާގައި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވެ، ނެގި ސާމްޕަލްތަކުން ކ. ދިއްފުށީގެ ދެ މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
އެ ރަށުން ބުނި ގޮތުގައި ބޭސް ފަރުވާއަށް އުނގޫފާރަށް ދިޔަ ދިއްފުށީގެ މީހުންގެ ތެރެއިން ބަލި ޖެހުނީ އެއް ގެއެއްގެ ދެމީހުންނަށެވެ.
އެހެންވެ، އެ ރަށް މިއަދު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.
ބޭސްފަރުވާއަށް ދިޔަ އެ މީހުން، އުނގޫފާރުން ޕޮޒިޓިވްވި މީހުންނާ ބައްދަލުވިކަމެއް އެނގިފައެއް ނެތެވެ.
އުނގޫފާރުން ބަޔަކަށް ބަލި ޖެހުމާ އެކު، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރު ކުރި އެންމެން ކަރަންޓީނު ވާން ވަނީ އަންގައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ރަށަށް ދަތުރުކުރި ނައިފަރު މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އެ ރަށް ވެސް ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.
އުނގޫފާރުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ވެސް ގިނަ އަދަދެއްގެ ސާމްޕަލް ނެގި އެވެ. އެކަމަކު މިހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވެ އެވެ.