23 މާޗް 2021 - 15:44

ރ. އުނގޫފާރުން މިދިޔަ ހަފުތާގައި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވެ، ނެގި ސާމްޕަލަކުން ޅ. ނައިފަރު ހޮސްޕިޓަލުގެ ނަރުހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ނަރުސް، އުނގޫފާރަށް ދަތުރުކުރީ ޑޮކްޓަރަށް ދެއްކުމަށެވެ. އުނގޫފާރުން ޕޮޒިޓިވްވި މީހުންނާ، އޭނާ އަށް އެނގިގެން ބައްދަލެއް ނުވެ އެވެ. ނަރުހަށް ކޮވިޑް ޖެހުނުކަން އެނގުނީ، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން އެންގުމުން، ކަރަންޓީނުވެ، ނެގި ސާމްޕަލަކުންނެވެ.
އުނގޫފާރުން ނައިފަރަށް ދިޔަ ފަހުން، ނަރުސް ވަނީ ޑިއުޓީ އަށް ވެސް ނުކުމެފަ އެވެ.
ނައިފަރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ޑިއުޓީ އަށް ނިކުމެ ގިނަ ބަޔަކާ ބައްދަލުވެފައިވާތީ، އެ ރަށަށް އަރައިފޭބުން މިހާރު މަނާކޮށްފައިވާ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން، ހޮސްޕިޓަލުގެ އެއްވެސް މުވައްޒަފަކު އެތަނުން ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވިި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ހޮސްޕިޓަލް ވެސް ބަންދުކޮށްފައި. އޮންލައިންކޮށް ކޮންސަލްޓޭޝަން ކުރިއަށް ގެންދާނީ. ޕޮޒިޓިވް ކޭސް އެއް ފެނުމާއެކު، ހޮސްޕިޓަލުގެ މުވައްޒަފުން އެ މީހަކު ތިބި ތަނެއްގައި އިހަށް ތިބޭނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮވިޑަށް ޕޮޒިޓިވްވީ އެންމެ މީހެއް ކަމުން، ކޮންޓެކްޓް ޓްރޭސިން އަށް މާގިނަ ވަގުތު ނަގާނެ ކަމަކަށް ނުބެލެވެ އެވެ.
އުނގޫފާރުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ވެސް ގިނަ އަދަދެއްގެ ސާމްޕަލް ނެގި އެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކަށް އެ ބައްޔެއް ނުޖެހެ އެވެ.