ތެލެގޫ "ޖާޒީ" އަށް ނެޝަނަލް އެވޯޑު ލިބުމުން ހިންދީ "ޖާޒީ" އަށް ޕްރެޝަރު
ތެލެގޫ "ޖާޒީ" އަށް ނެޝަނަލް އެވޯޑު ލިބުމުން ހިންދީ "ޖާޒީ" އަށް ޕްރެޝަރު

ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" ގެ އޮރިޖިނަލް ފިލްމު ކަމަށްވާ ތެލެގޫ ފިލްމު "ޖާޒީ" އަށް މި އަހަރުގެ ދެ ނެޝަނަލް އެވޯޑް ލިބުމަކީ ހިންދީ ފިލްމަށް ޕްރެޝަރެއްގެ ގޮތުގައި ސިފަކޮށްފި އެވެ.

މި އަހަރުގެ 67 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްގައި "ޖާޒީ" އަށް، އެންމެ މޮޅު ތެލެގޫ ފިލްމުގެ އެވޯޑާއި މޮޅު އެޑިޓިންގެ އެވޯޑް ކަށަވަރުވުމުން އެކަމަކަށް މަރުހަބާ ކިޔައި އިންސްޓަގްރާމްގައި ޝާހިދު ބުނީ އެ ފިލްމު ހޯދި ކާމިޔާބީ އަކީ އޭނާގެ "ޖާޒީ" އަށް ކުރިމަތިވި އިތުރު ޕްރެޝަރެއް ކަމަށެވެ.

އެހެންވެ ހިންދީ "ޖާޒީ" އަކީ ތެލެގޫ "ޖާޒީ" އަށް ހުރިހާ ގޮތަކުން ވެސް މޮޅު، ފުރިހަމަ ފިލްމަކަށް ވާނެ ކަމަށް ބެލުންތެރިން ދެން މާ ބޮޑަށް ވެސް އުންމީދުކުރާނެ އެވެ. ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ ގޯތަމް ތިނައްނޫރީ އެވެ. ހިންދީ "ޖާޒީ" ގެ ކާސްޓްގައި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ވެސް ހިމެނެ އެވެ.

ޝާހިދު ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅެފައިވާ މި ފިލްމަކީ އޭނާގެ މޮޅު އެކްޓިން އަށް ފެންނާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު އުންމީދުކުރާނެ އެވެ. ސަބަބަކީ އޭނާގެ އެންމެ ފަހުގެ ފިލްމު 2019 ގެ "ކަބީރު ސިންގް" އަކީ ވެސް އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށްވުމެވެ. އެ ފިލްމަކީ 2018 ގެ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ.

"ޖާޒީ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު 5 ގަ އެވެ.

ދެހާސް ނަވާރައިގައި ރިލީޒްކުރި "ޖާޒީ" އަކީ ނާނީ އާއި ޝްރަދާ ސްރީނާތާއި ސަމްޕަތު ރާޖް މައިގަނޑު ރޯލްތައް ކުޅުނު ވަރަށް ކާމިޔާބު ސްޕޯޓްސް ޑްރާމާއެކެވެ.