އަލީ ވަހީދުގެ މައްސަލަ: ކޮމިޓީ އަށް ކުރެވެން އޮތް ކަމަކީ ފާރަވެރިވުން
އަލީ ވަހީދުގެ މައްސަލަ: ކޮމިޓީ އަށް ކުރެވެން އޮތް ކަމަކީ ފާރަވެރިވުން

ޖިންސީ ގޯނާގެ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް، ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތަށް ފާރަވެރިވުން ކަމަށް އެ ކޮމިޓިން މިއަދު ނިންމައިފި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާކުރަން އުޅުމާއި ރޭޕް ކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ.

އެ މައްސަލައިގެ ޝަރީއަތްތައް ފަށާފައިވަނިކޮށް، އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމާއި އޭނާ ފުރައިގެން ދިޔަ މައްސަލަ ބަލައިދިނުމަށް އެދި ޖުޑިޝަރީ ކޮމިޓީ އަށް ހުށަހަޅާފައި ވަނީ މިދިޔަ މަހު 11 ގައި މަޖިލީހުގެ ހުރިހާ އަންހެން މެންބަރުންނެވެ.

އަލީ ވަހީދުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލާއި މޯލްޑިވްސް އިމިގްރޭޝަންއާ ސުވާލުކޮށް، މަހެއްހާ ދުވަހަށް ފަހު އެ ކޮމިޓީން މިއަދު ވަނީ ރިޕޯޓް އެކުލަވާލައި މަސައްކަތް ނިންމައިފަ އެވެ. އެފަދަ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ ގޮތުގެ ހުށަހެޅުންތަކެއް ވެސް އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކޮމިޓީގައި މިއަދު ވިދާޅުވީ، ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުމަށް ހުއްދަދީ، އޭނާގެ ޕާސްޕޯޓު ދޫކުރިއިރު އެ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ޕީޖީ ހުސައިން ޝަމީމަށް ފެނިވަޑައިގަންނަވާތީ އެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވާ ކަމަށާއި ކޯޓު އަމުރު ޕީޖީގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ޖުޑިޝަރީ ކޮމިޓީ އަށް ދެން ކުރެވެން އޮތް ކަމަކީ އަލީ ވަހީދުގެ މައްސަލަ އަށް ފާރަވެރިވުން ކަމަށް އިންތި ވިދާޅުވި އެވެ.

"އިތުރަށް ކުރެވެން އޮތް ކަމަކީ އެ މުއައްސަސާތަކުން ކުރާ ކަންކަމަށް ފާރަވެރިވެ ކޮމިޓީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވުން،" އަލީ ވަހީދުގެ މައްސަލާގައި ކޮމިޓީގެ ނިންމުން އިއްވަމުން އިންތި ވިދާޅުވި އެވެ.

- ބޭރު ގައުމެއްގައި ފިލައިގެން ދިރިއުޅެވިދާނެ މާލީ ތަނަވަސްކަމާއި ވަސީލަތްތަކާއި ފެންވަރު އެ މީހަކަށް ލިބިފައި ހުރި މިންވަރަށް ރިއާޔަތްކޮށް، އެ މީހަކު ފިލުމަށް އެ ވަސީލަތްތަކުގެ ބޭނުން ނުހިފާނެ ކަމުގެ ޔަގީންކަން އެ މީހެއްގެ ކިބައިން ހޯދުން.

- ދައުވާ ލިބޭ ފަރާތް ފުރުމަށް ހަމަޖެހިފައިވާ ތާރީހަކާއި އެނބުރި އައުމަށް ހަމަޖެހިފައިވާ ތާރިހަކާއި ފުރުމަށް ހަމަޖެހިފައިވާ ގައުމެއް ކޯޓަށް ސާފުކޮށްދިނުމާއި ޝަރީއަތަށް ހާޒިރު ވާނެކަން ޔަގީންކޮށް ދޭން އިގުރާރެއް ހޯދުން.

- ރާއްޖެއާއެކު ލީގަލް އެއްބަސްވުމެއް ނުވަތަ އެކްސްޓްރެޑިކްޝަން އެއްބަސްވުމެއްގެ ސަބަބުން ރާއްޖެ އިން އެދުމުން އެ ގައުމެއްގައި ހުރި ދައުވާ ލިބޭ މީހަކު ރާއްޖެ އަށް އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ބޮޑު ގައުމަކަށް ނޫނީ ބޮޑު ކުށެއްގެ ދައުވާ އުފުލިފައިވާ ފަރާތަކަށް ފުރައިގެން ދިޔުމުގެ ހުއުދަ ނުދިނުން.

- ޑިޕްލޮމެޓިކް މިޝަނެއް ހުރި ގައުމެއް ނަމަ އެ މީހަކު ވީ ތަނެއް އެނގޭ ގޮތަށް ގުޅުން ބޭއްވުމުގެ ގޮތުން ކަނޑައަޅާ ވަކި މުއްދަތެއްގައި ޑިޕްލޮމެޓިކް މިޝަނަށް އެ މީހަކު ނުވަތަ އެ މީހަކާ ހަވާލުވެ ގޮސް ހުރި މީހަކު ގަވައިދުން ރިޕޯޓު ކުރުމަށް ޝަރުތު ކުރުން.

- ކޯޓުން ދީފައިވާ މުއްދަތު އިތުރު ކުރަން ބޭނުންވާ ނަމަ އެކަމަށް އެދި ދުރާލާ ކޯޓަށް ހުށަހެޅުން އަދި ކޯޓުން އެކަމަށް އެދި ގޮތެއް ކަނޑައަޅާ އެ ފަރާތަށް އެންގުން.

ޖުޑިޝަރީ ކޮމިޓީން ވަނީ އެ ހުށަހެޅުންތަކަށް ފަހިވާ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހެއް ވާ ނަމަ އެ އިސްލާހުތައް ފާހަގަ ކުރައްވާ ވީ އެންމެ އަވަހަށް މަޖިލީހަށް ފޮނުވުމަށް އެޓާނީ ޖެނަރަލް އޮފީހަށް އެންގުމަށް ވެސް ނިންމައިފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުގައި އަޑުއެހުން ބާއްވައި އަމުރު އިއުލާން ކުރީ މިދިޔަ މަހު 9 ގައެވެ. ނަމަވެސް ނެރުނު އަމުރުގައި އިދާރީ މައްސަލައަކާ ގުޅިގެން ޖެހިފައި އޮތީ ފެބްރުއަރީ 10 އެވެ. އެކަމާ ގުޅޭ ލިޔުންތައް ލިބުނު ކަމަށް ޕީޖީން ބުނަނީ 11 ވަނަ ދުވަހު އެވެ. އޭރު ވެސް އަލީ ވަހީދު ފުރައިވަޑައިިގެންނެވި ސީދާ ތާރީހެއް އޮތީ ސާފު ނުވެ އެވެ.

ނަމަވެސް ފަހުން އިމިގްރޭޝަނުން މައުލޫމާތު ސާފު ކުރުމަށް ފަހު، ޕީޖީ އޮފީހުން ބުނީ އަލީ ވަހީދު ފުރުއްވީ ފެބްރުއަރީ 9، 2021ގެ ރޭގަނޑު 11:09 ގައި ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓުން ތުރުކީގެ އިސްތަންބޫލް އަށެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ގެންދަވަނީ ދޮގުކުރައްވަމުންނެވެ.

ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ، ޕާސްޕޯޓްގެ ބަދަލުގައި ބޭހަށް ބޭރަށް ދިއުމުގެ ވަގުތީ ލިއުމެއްގެ ދަށުން ފުރުއްވުމުގެ ހުއްދަ ދޭން ފެންނަ ކަމަށް ޕީޖީން ކޯޓުގައި އެދިފައި އޮއްވަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވާ ސަބަބެއް ކަމަށް އެދިވަޑައިގެންފައި އޮތީ މައިބަދައިގެ އޮޕަރޭޝަނަކަށެވެ.