24 މާޗް 2021 - 06:36

ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީގެ ފުރަތަމަ ޓްވީޓް 2.9 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.
އޭނާ މާޗް 22، 2006 ގައި ކުރި ޓްވީޓް ވިކުނީ އެ ވިއްކައިލަން އިއުލާންކުރިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެގޮތުން ހޯމަ ދުވަހު ޖުމްލަ 2,915,835.47 ޑޮލަރަށް ވިކުނު އިރު މި މަހުގެ 6 އާ ހަމައަށް އެންމެ ބޮޑު އަގަކަށް ބިޑްކޮށްފައި އޮތީ 2.5 މިލިއަން ޑޮލަރެވެ. އަދި ވިކުނު އަގަށް ޓްވީޓްގެ އަގު އެރީ އެންމެ ފަހު ވަގުތު ކަމަށް މީޑިއާތަކުން ބުންޏެވެ.
"ޖަސްޓް ސެޓިން އަޕް މައި ޓްވިޓާ" ލިޔެފައިވާ ޓްވީޓަށް ބިޑްކޮށްގެން އެ ކާމިޔާބުކުރީ ސިނާ އެޒްޓާވީ ކިޔާ މީހެކެވެ. އޭނާ އަކީ ބްރިޖް އޮރޭކަލްގެ ސީއީއޯ އެވެ. ގަތް ޓްވީޓާ ބެހޭ ގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ އެއީ ހަމައެކަނި ޓްވީޓެއް ނޫން ކަމަށެވެ.
"މޮނަ ލީޒާގެ ކުރެހުމުގެ އަގު އުފުލިގެން ދިޔަ ގޮތަށް މި ޓްވީޓްގެ އަސްލު އަގު އަހަރުތަކެއް ފަހުން ގިނަ ބަޔަކަށް ވަޒަންކުރެވޭނެ،" އެޒްޓާވީ ބުންޏެވެ.
އޭނާ ޓްވީޓް ކާމިޔާބުކުރުމާ ގުޅިގެން އޮންލައިން މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން އޮތްކަން އަންގައިދޭ ޑިޖިޓަލް ސެޓްފިކެޓެއް ކަމަށްވާ އެންއެފްޓީ އެޒްޓާވީ އޭނާ އަށް ލިބޭނެ އެވެ.
އޭގެ މިލްކުވެރިކަން ލިބުނަސް އެ ޓްވީޓް އޮންނާނީ އާންމުކޮށް ފެންނަ ގޮތަށް ހަމަ ޓްވިޓާގަ އެވެ.
ޓްވީޓް ގަތް މީހާ އަށް ޑޯޒީގެ ޑިޖިޓަލް ސައިންއާ އެކު، އޮރިޖިނަލް ޓްވީޓްގެ މެޓަޑޭޓާ ވެސް ލިބޭނެ އެވެ. އޭގައި ހިމެނޭނީ ޓްވީޓްކުރި ގަޑި އާއި އޭގެ ކޮންޓެންޓާއި އަދި އެ ނޫނަސް އެފަދަ އެހެން މައުލޫމާތެވެ. އެކަމަކު މީގައި ގިނައިން ހިމެނޭނީ މިހާރުވެ ސް އާންމުކޮށް ފެންނަން ހުރި މައުލޫމާތެވެ.
އެޒްޓާވީ އަކީ މަހުޖަނު އީލޮން މަސްކް ވިއްކައިލަން އިއުލާންކުރި ޓްވީޓަށް މިހާތަނަށް އެންމެ ބޮޑުކޮށް ބިޑްކުރި މީހާ އެވެ.