23 މާޗް 2021 - 11:31

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކޮވިޑް-19 އަށް ފަރުވާ ދޭ މީހުންގެ އަދަދު ދެ މަސް ދުވަސް ތެރޭ ފުރަތަމަ ފަހަރަށް 100 އަށް ވުރެ ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރަމުން އަންނަ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 100 އަށް ވުރެ މަދުން އެންމެ ފަހުން ހުރީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 93 މީހެކެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އޭގެ ފަހުން 100 އަށް ވުރެ ދަށްވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، 95 އަކަށެވެ. އަދި އިއްޔެ، މި އަދަދު ވަނީ 90 އަށް ދަށްވެފަ އެވެ. މިއީ މި ވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ހަތަރު ޕަސެންޓެވެ. މި މަސް ފެށުނު އިރު ރޭޓު ހުރީ ހަތް ޕަސެންޓުގަ އެވެ.
މި ފަހުން އެންމެ ގިނަ ކޮވިޑް ޕޭޝެންޓުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު އެކްޓިވް ކޭހުގެ އަދަދު 2،160 ގައި ހުރި އިރު 214 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިއްބެވެ. އެއީ އެކްޓިވް ކޭސްތަކުގެ ނުވަ ޕަސެންޓެވެ.
ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ކޮވިޑް ބަލީގެ މީހުންގެ އަދަދު ދަށްވެފައިވާ ވަކި ސަބަބެއް އެޗްޕީއޭ އަކުން ނުބުނެ އެވެ. ނަމަވެސް ކޮވިޑްގެ ވެކްސިން ގިނައިން ދެމުން އަންނަ ގައުމުތަކުގައި، ބަލީގައި ހާލު ބޮޑުވެ އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ދަށްވަމުން އަންނަ ކަމަށް ދައްކަ އެވެ. ކޮވިޑް ވެކްސިނުން، ބަލީގައި ހާލު ބޮޑުވުން 100 ޕަސެންޓް ދަށްކޮށްދޭ ކަމަށް އެކި ދިރާސާތަކުން ވަނީ ދައްކައިފަ އެވެ.
ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު ދަށްވަމުން އައި ނަމަވެސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހުރީ މަތީގަ އެވެ. އިއްޔެ ވެސް 149 މީހަކު ޕޮޮޒިޓިވްވި އެވެ. މިހާރު އާންމުގޮތެއްގައި ކޮންމެ 24 ގަޑިއިރެއް ތެރޭ ކޮވިޑްގެ 100 އަށް ވުރެ ގިނަ ކޭސް އަލަށް ފެނެ އެވެ.
ރާއްޖެއިން މިހާތަނަށް 22،662 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 220،768 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. މި ބަލި ޖެހިގެން 66 މީހަކު މަރުވެފައި ވެ އެވެ.