23 މާޗް 2021 - 10:43

މީގެ ދެ ހަފުތާ ކުރިން ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެ، ފަރުވާދެމުން އައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.
ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި މަރުވީ މުހައްމަދު ޒަޔާން އައްބާސް އެވެ. އޭނާ އެކްސިޑެންޓްވީ ސައިކަލްގައި ވަރަށް ބާރަށް ދަނިކޮށް ޕިކަޕެއްގައި ޖެހިގެންނެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި މައުލޫމާތު ހުރި މީހަކު ބުނީ ޒަޔާން މަރުވީ ފުރަތަމަ ކުރި އޮޕަރޭޝަނަށް ފަހު ގެޔަށް ބަދަލުކޮށް، އަނެއްކާ ހާލު ގޯސްވެގެން ދެ ވަނަ އޮޕަރޭޝަނެއް ކޮށްގެން އައިސީޔޫގައި ބާއްވާފައި އޮއްވާ ކަމަށެވެ.
އެކްސިޑެންޓްގައި ގެއްލުން ލިބުނީ ޒަޔާންގެ ބަނޑަށެވެ. ޕިކަޕްގައި ޖެހި ސައިކަލާ އެކު އޭނާ ވެއްޓުމުން ސައިކަލްގެ މުއްގަނޑު ވަރަށް ބޮޑަށް ބަނޑުގައި ޖެހުނު ކަމަށްވެ އެވެ. ބަނޑު ތެރެއަށް މުއްގަނޑު ނުވަތް ނަމަވެސް އޭގެ ސަބަބުން ބަނޑުގެ މަސްތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ، ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ކުއްޖާގެ ހަށިގަނޑު ވަަރުގަދަވީމާ އަސްލު އެވަރަށް ވެސް ކެތްކުރެވުނީ ކަމަށް ޑޮކްޓަރުން ބުނަނީ. އެކަމަކު މަސްގަނޑަށް ލިބުނު ގެއްލުން ވަރަށް ބޮޑޭ ބުނީ އޭރު ވެސް،" އެމީހާ ކިޔައިދިނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި ޒަޔާންގެ ބަނޑު ތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. ފުރަތަމަ އޮޕަރޭޝަނަށް އަށް ގަޑިއިރު ހޭދަވި ކަމަށާއި ދެ ވަނަ އޮޕަރޭޝަނަށް 10 ގަޑިއިރު ޑޮކްޓަރުން ހޭދަކުރި ކަމަށް ވެސް، އޮފިޝަލް ވިދާޅުވި އެވެ.
ފުރަތަމަ އޮޕަރޭޝަނަށް ފަހު ގެޔަށް ބަދަލުކުރުމުން ޒަޔާން އަމިއްލައަށް ހިނގާބިނގާވެ ވެސް އުޅުނެވެ. އެކަމަކު އިއްޔެ އަނެއްކާ ބަނޑުގައި މާ ބޮޑަށް ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.