ދަތުގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ މެންޑީ ގައުމީ ޓީމާ ނުގުޅޭނެ
ދަތުގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ މެންޑީ ގައުމީ ޓީމާ ނުގުޅޭނެ

ލަންޑަން (މާޗް 23) - ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަރަށް އަވަހަށް ދަތުގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ މި މަހު ސެނެގޯލް ކުޅޭ އެފްރިކަން ކަޕް އޮފް ނޭޝަންގެ ކޮލިފައިން މެޗުތަކުގައި ބައިވެރިނުވާން ނިންމައިފި އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އާދިއްތަ ދުވަހުގެ ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ސްޕެއިނުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އެވެ. އެ މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މެންޑީ ދަތުގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށެވެ. އޭރު މެންޑީގެ ނަން ވަނީ ސެނެގޯލް ޓީމުގައި ހިމަނައިފަ އެވެ. އެކަމަކު ފަހުން ވަނީ އުމުރުން 29 އަހަރުގެ މެންޑީގެ އޮޕަރޭޝަން ކުރުން ލަސްކުރެވެން ނެތުމުން އޭނާ ގައުމީ ޓީމުގެ ލިސްޓުން ބާކީކޮށްފަ އެވެ.

މި މަހު ކުޅޭ ކޮލިފައިން ދެ މެޗުގައި ސެނެގޯލް ނުކުންނާނީ ކޮންގޯ އާއި އެސްވަޓީނީއާ ދެކޮޅަށެވެ.

މެންޑީގެ ދަތުގެ އޮޕަރޭޝަން ކުރަން ހަމަޖެހިފައިވަނީ މިއަދު އެވެ. ޓުޗެލް ބުނީ އުއްމީދުކުރަނީ ބައިނަލްއަގުވާމީ މެޗުތަކަށް ފަހު އަންނަ މަހު ތިން ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް މެންޑީ ފިޓްވާނެ ކަމަށެވެ.

ފްރާންސްގެ ރެނެސް ދޫކޮށް މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވި މެންޑީ އަންނަނީ ޗެލްސީ ގޯލުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޗެލްސީގެ ކޯޗުކަމުގައި ފްރޭންކް ލަމްޕާޑް ހުރިއިރު ވެސް މެންޑީ ވަނީ މޮޅަށް ކުޅެފަ އެވެ. އަދި ލަމްޕާޑް މަގާމުން ދުރުކޮށް ޖެނުއަރީ މަހު ޗެލްސީން ގެނައި ކޯޗު ޓުޗެލްގެ އިރުޝާދުގެ ދަށުން ވެސް މެންޑީ އަންނަނީ އޭނާގެ މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ.

ޓުޗެލް ހަވާލުވި ފަހުން ޗެލްސީ ކުޅުނު 14 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އޭގެ ތެރެއިން 11 މެޗުގައި މެންޑީ ކޮޅަށް ގޯލެއް ވަދެފައިނުވެ އެވެ. ޗެލްސީ ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމާއި އެފްއޭ ކަޕްގެ ސެމީ ފައިނަލް އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދުމުގައި މެންޑީ މުހިއްމު ދައުރެއް އަދާކުރި އެވެ.