އިންޑިއާގައި ކޮވިޑް ކޭސްތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަނީ
އިންޑިއާގައި ކޮވިޑް ކޭސްތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަނީ

ނިއު ދިއްލީ (މާޗް 23) - އިންޑިއާގައި ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ތަޖްރިބާކާރުން ބުނަން ފަށައިފި އެވެ.

މިދިޔަ ހަފުތާގައި އިންޑިއާ އިން ވަނީ 260،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ކުރީކޮޅު އިންޑިއާގައި ކޮވިޑް ފެތުރެން ފެށި ފަހުން އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ހަފުތާ އެވެ.

އިންޑިއާގައި މިހާރުގެ ކޭސްލޯޑުގެ 70 ޕަސެންޓަކީ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުން ޕޮޒިޓިވްވާ މީހުންނެވެ.

ތަޖްރިބާކާރުން ބުނަނީ އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރަން ފެށުމުން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އާ ވޭރިއަންޓްތަކާ އެކު އިންޑިއާގައި ޕޮޒިޓިވްވާ ރޭޓް މައްޗަށް ދިޔައީ ކަމަށެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 11.6 މިލިއަން މީހުން ޕޮޒިޓިވްވެ 160،000 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 40،581 މީހުން ޕޮޒިޓިވްވެ 196 މީހުން މަރުވެފަ އެވެ.

މި އަހަރު ފެށުނު އިރު އިންޑިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް ހުރީ ވަރަށް ދަށުގަ އެވެ. ދުވާލަކު ޕޮޒިޓިވްވާ ރޭޓް 11،000 އަށް ވެސް ދަށަށް ދިޔަ އެވެ. އިންޑިއާގައި މިދިޔަ ސެޕްޓެމްބަރު މަހު ޕީކަށް ދިޔައިރު ދުވާލަކު 90،000 މީހުން ވެސް ޕޮޒިޓިވްވި އެވެ.

ނަމަވެސް ވޭތުވެދިޔަ ހަފުތާތަކުގައި ވަނީ މަހާރާޝްތުރާގެ އިތުރުން ކެރަލާ، ޕަންޖާބު، ކަރްނާޓަކާ، ގުޖުރާތު، ޓަމިލް ނާޑޫ، ހަރިޔާނާ އަދި މަދްޔަ ޕްރަދޭޝް އިން ޕޮޒިޓިވްވާ އަދަދުތައް އިތުރުވެފަ އެވެ.

އިންޑިއާގައި ޖެނުއަރީ މަހު ކޮވިޑް ވެކްސިން ޖަހަން ފެށިފަހުން މިހާތަނަށް ވަނީ މަދުވެގެން 40 މިލިއަން މީހުން އެއް ޑޯޒް ޖަހައިފަ އެވެ. މިއީ އިންޑިއާގެ އާބާދީގެ ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ. އިންޑިއާ ސަރުކާރުން އަމާޒުކޮށްފައި ވަނީ ޖުލައި މަސް ނިމޭއިރު 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.