ވީގޫރު މުސްލިމުންގެ ހައްގުތަކަށް އަރައިގަންނާތީ ޗައިނާ އަށް ފިޔަވަޅު އަޅައިފި
ވީގޫރު މުސްލިމުންގެ ހައްގުތަކަށް އަރައިގަންނާތީ ޗައިނާ އަށް ފިޔަވަޅު އަޅައިފި

ބެއިޖިން (މާޗް 23) - އަޣުލަބިއްޔަތު ލިބިފައި ނެތް ވީގޫރު މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުންދާތީ ޗައިނާގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

ހުޅަނގު އުތުރުގެ ޝިންޖިއާން ސަރަހައްދުގެ ކޭމްޕުތަކުގައި ޗައިނާ އިން ވަނީ ވީގޫރު ދަރިކޮޅުގެ އެތައް ބަޔަކު ބަންދުކޮށްފަ އެވެ. އެ ކޭމްޕްތަކުގައި މުސްލިމުންނާ ދެކޮޅަށް އަނިޔާދީ، ގަދަކަމުން މަސައްކަތް ކުރުވައި އަދި ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފަ އެވެ.

ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެމެރިކާ، އިނގިރޭސި ވިލާތް އަދި ކެނެޑާ އިން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ރައްދުގައި ޗައިނާ އިން ވެސް ވަނީ ޔޫރަޕުގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. އަދި ޔޫރަޕުން އެޅި ފިޔަވަޅުތައް ބިނާކޮށްފައި ވަނީ ދޮގުގެ މައްޗަށް ކަމަށް ޗައިނާ އިން ބުނެފައިވެ އެވެ.

މުސްލިމުން ތިބޭ ކޭމްޕްތަކުގައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާ ކަމަށް ކުރާ ތުހުމަތުތައް ޗައިނާ އިން ދޮގުކުރެ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެއީ ހަރުކަށި ފިކުރަށް ގޮސް ހުސްވެފައި ތިބި މީހުން އިސްލާހު ކުރާ ކޭމްޕްތަކެއް ކަމަށެވެ. ކޭމްޕްތަކުގައި މިލިއަނެއްހާ މުސްލިމުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެކަމަކު އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބު ވިދާޅުވީ ވީގޫރު މުސްލިމުންނާ މެދު ޗައިނާ އިން ކަންތައް ކުރަނީ އެ މީހުންގެ އެންމެ އަސާސީ ހައްގުތަކަށް ވެސް އަރައިގަންނަ ގޮތަށް ކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެފަދަ ލާއިންސާނީ އަމަލުތަކަށް ދުނިޔެ ހިމޭނުން ނޯންނާނެކަން އަންގައިދޭން ޗައިނާ ސަރުކާރަށް ދިން މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޗައިނާ އިން ދަނީ އިންސާނިއްޔަތާ ދެކޮޅަށް ބޮޑު ގަތުލްއާއްމެއް ހިންގަމުން ކަމަށެވެ.

ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުން ދަތުރުފަތުރު ކުރުން މަނާކުރުމާއި މުދާތައް ހިފެހެއްޓުން ހިމެނެ އެވެ. އެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ޝިންޖިއާންގައި ވީގޫރް މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް ތުހުމަތު ކުރާ އޮފިޝަލުންނަށެވެ. އޭގެ ތެރޭގައި ޝިންޖިއާންގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯގެ ޑިރެކްޓަރު ޗެން މިންގުއޯ، ޝިންޖިއާންގެ ކޮމިއުނިސްޓް ޕާޓީގެ ސްޓޭންޑިން ކޮމިޓީގެ މެންބަރު ވަންގް މިންގްޝާން، ޝިންޖިއާން ޕްރޮޑަކްޝަން އެންޑް ކޮންސްޓްރަކްޝަން ކޯޕަރޭޝަންގެ ޕާޓީ ސެކްރެޓަރީ ވަންގް ޖުންޒެން އަދި ޝިންޖިއާންގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ޑެޕިއުޓީ ޒޫ ހައިލުން ހިމެނެ އެވެ. ޝިންޖިއާން ޕްރޮޑަކްޝަން އެންޑް ކޮންސްޓްރަކްޝަން ކޯޕްސް ޕަބްލިކް ސެކިއުރިޓީ ބިއުރޯއާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.