14 ނޮވެމްބަރ 2016 - 08:33

މެންޗެސްޓާ (ނޮވެމްބަރު 14) - ސްޕެއިނުގެ ބާސެލޯނާ ފަހަތަށް ޖައްސާލުމަށް ފަހު، ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރަދޭ ފުޓްބޯޅަ ކްލަބަކަށް އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ވެއްޖެ އެވެ.

މިއީ ކުޅުންތެރިންނަށްދޭ މުސާރަ، މީގެ ހަތް އަހަރު ކުރިން ސްޕޯޓްސް އިންޓަލިޖެންސުން ދިރާސާކުރަން ފެށިފެހުން ޔުނައިޓެޑް ލިސްޓުގެ އެއް ވަނަ އަށް އެރި ފުރަތަމަ ފަހަރެވެ. މި ސާވޭ ކޮށްފައިވަނީ ހަތް ކުޅިވަރަކުން ދުނިޔޭގެ އެންމެ އަގުބޮޑު 17 ކުޅިވަރު ލީގެއްގައި ވާދަކުރާ ކުޅުންތެރިންގެ މެދުގަ އެވެ. މި ސާވޭގައި ޖުމްލަ 333 ޓީމަކުން ގާތްގަނޑަކަށް 10,000 ކުޅުންތެރިންގެ މުސާރައިގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.
މި ސާވޭގައި ބަލާފައިވަނީ ހަމައެކަނި މުސާރަ އަށެވެ. ސްޕޮންސަޝިޕާއި އިސްތިހާރުގެ ތެރެއިން ކުޅުންތެރިންނަށް ކްލަބުންދޭ އަގު ހިމަނާފައިނުވެ އެވެ.
އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކްލަބްގެ މަގާމަށް ޔުނައިޓެޑް އެރިއިރު، އެ ޓީމުން އެވްރެޖްކޮށް ސީނިއާ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި އަހަރަކު 5.77 މިލިއަން ޕައުންޑް ދެ އެވެ. ޔުނައިޓެޑުން އެންމެ ބޮޑު މުސާރައެއްދޭ ދެ ކުޅުންތެރިންގެ ތެރޭގައި މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ޕައުލް ޕޮގްބާ އާއި ޒަލަޓަން އިބްރަހިމޮވިޗް ހިމެނެ އެވެ.
ބާސެލޯނާ ދެ ވަނައިގައި އޮތްއިރު، އެ ޓީމުން އެވްރެޖްކޮށް އަހަރަކު ސީނިއާ ޓީމުގެ ކުޅުންތެރިޔެއްގެ މުސާރައަށް 5.65 މިލިއަން ޕައުންޑް ހަރަދުކުރެ އެވެ. ތިން ވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމުން ސީނިއާ ކޮންމެ ކުޅުންތެރިޔަކަށް އެވްރެޖްކޮށް 5.4 މިލިއަން ޕައުންޑް ހަރަދުކުރެ އެވެ. ހަތަރު ވަަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، ފަސް ވަނައިގައި އޮތީ ޗެލްސީ އެވެ.
މި ސާވޭ އިން ދައްކާގޮތުގައި އެންމެ މުސާރަ ބޮޑު 12 ކްލަބްގެ ތެރޭގައި ފުޓްބޯޅަ އަށް ނިސްބަތްވަނީ ސިޓީ އާއި ޔުނައިޓެޑް އަދި ބާސެލޯނާ އެކަންޏެވެ. ދެން ހިމެނެނީ ބާސްކެޓްބޯޅަ އާއި ބޭސްބޯލް ކްލަބްތަކެވެ.
އެންމެ މުސާރަ ބޮޑު ކުޅިވަރު ކްލަބަކީ ބާސްކެޓްބޯޅަ ކްލަބް ކްލިވިލެންޑް ކަވަލާއިސް އެވެ. އެ ޓީމުން އަހަރަކަށް ބަލާއިރު ކޮންމެ ކުޅުންތެރިޔަކަށް އެވްރެޖްކޮށް 6.54 މިލިއަން ޕައުންޑް ހަރަދުކުރެ އެވެ.
ކުޅުންތެރިންގެ މުސާރަ އެންމެ ބޮޑީ ޕްރިމިއާ ލީގުގަ އެވެ. މި ސާވޭ އިން ދައްކާ ގޮތުގައި ޕްރިމިއާ ލީގުގެ ކޮންމެ ކުޅުންތެރިޔަކަށް އެވްރެޖްކޮށް ބަލާއިރު 2.4 މިލިއަން ޕައުންޑް ލިބެ އެވެ. ސްޕެނިޝް ލީގުގެ ކުޅުންތެރިޔަކަށް ލިބެނީ 1.2 މިލިއަން ޕައުންޑެވެ.
ފާއިތުވި 25 ސީޒަނަށް ބަލާއިރު ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރަ ވަނީ 32 ގުނަ އިތުރުވެފަ އެވެ. އެއީ 1992 ވަަނަ އަހަރު ޕްރިމިއާ ލީގު ފެށިއިރު އަހަރަކު ކުޅުންތެރިންގެ އެވްރެޖް މުސާރަ އަކީ 77,000 ޕައުންޑެވެ. މި ސީޒަނުގައި ވަނީ އެ އަދަދު 2.4 މިލިއަނަށް އަރައިފަ އެވެ.