14 ނޮވެމްބަރ 2016 - 08:46

ލަންޑަން (ނޮވެމްބަރު 14) - މެޗު ފިޓްނަސް ދަށްވުމުން އިންގްލެންޑް ސްކޮޑުން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ބާކީކޮށްފި އެވެ.
އަނިޔާގެ ސަބަބުން ހަތް ހަފްތާ އަށް ކުޅުމާ ދުރު ހުރުމަށް ފަހު ކޭން ކުޅުމަށް އެނބުރި އައީ ލީގުގައި އެންމެ ފަހުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އިންގްލެންޑް ސްކޮޑުން ކޭން އަށް މި ފަހަރު ފުރުސަތު ނުދޭނެ ކަމަށް ބެލެވުނު ނަމަވެސް ކޯޗު ގަރެތު ސައުތުގޭޓް ނިންމީ ކޭން އަށް ޓީމުން ޖާގަ ދިނުމަށެވެ.
\ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހު ސްކޮޓްލެންޑް އަތުން 3-0 އިން މޮޅުވި މެޗުގައި ކޭން ބޭނުންކޮށްފައެއް ނުވެ އެވެ. އިންގްލެންޑް ދެން ކުޅޭ މެޗުގައި މާދަމާރޭ ނުކުންނާނީ ރަހުމަތްތެރިކަމުގެ މެޗެއްގައި ސްޕެއިންއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އިއްޔެގެ ފަރިތަކުރުންތަކަށް ފަހު ސައުތުގޭޓް ވަނީ ކޭން ޓީމުން ބާކީކުރަން ނިންމައިފަ އެވެ.
"މިފަހަރުގެ ސްކޮޑުން ކޭން އަށް ފުރުސަތު ދިނީ ބެކަޕް އަކަށް. އެކަމަކު ސްކޮޓްލެންޑް މެޗުގައި އޭނާ ބޭނުން ކުރަން ނުޖެހުނު. ދެން އޮތީ ސްޕެއިން މެޗު. މި މެޗަށް އިންގްލެންޑުގެ ފަރިތަކުރުންތައް ދާނީ ވަރަށް ބުރަކޮށް. ކޭން އަކީ ދާދި ފަހުން ބޮޑު އިންޖަރީ އަކުން ސަލާމަތްވި ކުޅުންތެރިޔެއް. އުނދަގޫ ޓްރެއިނިން ސެޝަންތަކެއްގައި ބައިވެރިވެވޭ ވަރުގެ ފިޓްނަސް ކޭންގެ ނެތް،" ސައުތުގޭޓް ބުންޏެވެ.
އޭނާ ބުނީ މި ނިންމުމުގެ ސަބަބުން ކޭން އަށް އޭނާގެ ފިޓްނަސް ރަނގަޅުކުރަން ލުއިގޮތްތަކެއް ލިބިގެންދާނެ ކަމަށާއި ސްޕެއިން މެޗަކީ ރިސްކު ނަގައިގެން ކޭން ކުޅުވަން ޖެހޭ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.