24 މާޗް 2021 - 09:14

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ބޭނުން ކުރަން ފުރުސަތު ދިނުމަށް 2014 ގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ވަކި ގާނޫނެއް ގެނަޔަސް، އެ ނިޒާމު ރަނގަޅަށް ހިނގައިގަތީ އޭގެ އެތައް އަހަރެއް ފަހުންނެވެ. އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި ވަކި މިނިވަން މުއައްސަސާއެއް އުފެދި، މައުލޫމާތު ދިނުމާއި ހިފެހެއްޓޭނެ މިންވަރު ކަނޑައެޅުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ދިނަސް، މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް އަދިވެސް އޮތީ އޮތް ގޮތަށެވެ.

ވަރަށް ޚާއްސަ މަދު ހާލަތްތަކެއްގައި ނޫނީ މައުލޫމާތު ދޫކުރަން ގާނޫނު ލާޒިމް ކުރިޔަސް، ދައުލަތުގެ "ސިއްރުވެރި ނިޒާމު" އެއްވެސް ސަރުކާރެއްގައި ނިމުމަކަށް ނާދެ އެވެ. ކަންކަން ފޮރުވަން ކުރެވޭނެ ހުރިހާ ކަމެއް އެބަ ކުރެ އެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާގެ އޮނިގަނޑު ހޯދަން އެދުނަސް، އެ މައުލޫމާތެއް ނުދޭން ދެއްކޭނެ ހުރިހާ ބަހަނާއެއް ދައްކަ އެވެ.
ބައްދަލުވުމެއްގެ ޔައުމިއްޔާއެއް ހޯދަން އެދުނަސް، އެކަން ވަނީ ބޮޑު ކަމަކަށެވެ. އެއީ ދޭން ޖެހޭ މައުލޫމާތެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމުމުން ވެސް، ގާނޫނުގެ ކޮންމެވެސް ތަންކޮޅެއްގައި ހިފައިގެން ކޯޓަށް ވެސް ދަނީ މައުލޫމާތު ހިފެހެއްޓޭނެ މަގެއް އޮތްތޯ ބެލުމަށެވެ. ދާދި ފަހުން ހައި ކޯޓުން ކުރި ހުކުމަކުން، މި ސަގާފަތަށް އިތުރު ބާރެއް އެޅިގެން ހިނގައްޖެ އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެ އެވެ. މާނައަކީ ވަކި މައުލޫމާތެއް ދޭން ޖެހޭނެ ނުވަތަ ދޭން ނުޖެހޭނެ ކަމަށް އިިންފޮމޭޝަން ކޮމިޝަނަރު ނިންމިޔަސް، އެ ނިންމުމެއް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު ދާދި ފަހުން ހައި ކޯޓުން ނިންމީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. މިފަދަ އެތައް މައްސަލައެއް ހައި ކޯޓުން ބަލައިގަނެ ކުރިއަށް ގެންދަނިކޮށް، އެމްޑަބްލިއުއެސްސީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި ކުއްލިއަކަށް އައި މި ހުކުމް ގިނަ ބަޔަކަށްވީ "ސަޕްރައިޒް" އަކަށެވެ.
އައިކޮމްގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެ ކޯޓުގެ ހުކުމުގައި ފާހަގަކުރީ މައިގަނޑު ދެ ސަބަބެކެވެ. ފުރަތަމަ ކަމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާން ކުރިޔަސް، އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރު އެ ގާނޫނުގައި ބަޔާންކޮށްފައި ނެތުމެވެ.
ދެވަނަ މައްސަލައެއްގެ ގޮތުގައި ހުކުމުގައި އޮތީ 64 ވަނަ މާއްދާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ބަދަލުގައި "އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުން" މިފަދައިން ބަޔާން ކޮށްފައި އޮތުމެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރަކީ އޭގެ ޒާތުގައި އޮފީހެއް ނުވަތަ މުއައްސަސާއަކަށް ނުވާތީ ކަމަށް ބުނެ އެވެ. މީގެ މިސާލެއްގެ ގޮތުން ހައި ކޯޓުން ނެގީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމެވެ.
އިންތިޚާބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ބުނާ މާއްދާގައި "އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން" މިފަދައިން ބަޔާން ކޮށްފައި އޮތުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ "އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން" މިފަދައިން އޮންނަ އޮތުން ތަފާތުވާތީ ކަމަށް ބުނެ އެވެ. އަދި އެ ގާނޫނުގައި އެކަން ސާފުކޮށް ބުނެފައި އޮއްވާ އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއެއް ކަމަށް ކޯޓަށް އަމިއްލައަށް މާނަކުރުމަކީ ނުކުރެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
"އެ ނިންމުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އިން ނިންމާފައިވާ ނިންމުމެއް ކަމަށް ގާނޫނުގެ ނައްސުގައި އޮތް ނަމަ އެ އޮފީހަކީ މުއައްސަސާއެއް ކަމުގައި ބަލައިގެން ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްގެ ގޮތުގައި އިސްތިއުނާފީ އިހްތިސާސްގެ ތެރެއިން ހައި ކޯޓަށް އެ ނިންމުން ބެލުމުގެ ގާނޫނީ ބާރު އޮޮތް ކަމަށް ބެލެވިދާނެ،" ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
ކުރު ގޮތަކަށް ބުނާ ނަަމަ، ހައި ކޯޓުން އެގޮތަށް ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބޭނުންކޮށްފައި އޮތް އެންމެ ބަހެއްގެ އިބާރާތަށް ބަލައިގެންނެވެ. ގާނޫނުގެ 64 ވަނަ މާއްދާގައި "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" މިހެން ބަޔާން ކޮށްފައި ނެތުމުން ކަމަށް ބުނެ އެވެ. ނަމަވެސް މިއީ މުޅިއަކުން ރަނގަޅު ވާހަކައެއް ކަމަށް ބުނެވޭކަށް ނެތެވެ. އެކަން އެނގެނީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ ހ. އިންނެވެ. އެ މާއްދާއަކީ އެ ގާނޫނުގައި ހުރި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާ މާއްދާ އެވެ.
އެ މާއްދާގެ ހ. ގައި ބުނެފައިވަނީ "އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ،" މިފަދައިންނެވެ.
މިގޮތަށް އޮތުމުން އެ ގާނޫނުގައި "އިންފޮމޭޝަން ކޮމިޝަނަރު" އެ ނިސްބަތް ކުރަނީ ވަކި މީހަކަށް ނުވަތަ އެ މަގާމަށް އެކަނި ނޫންކަން ވަރަށް ސާފެވެ. އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނޭ ގޮތަށް ޖުމްލަ މާނައެއްގައި ބުނެފައިވާ ބުނުމެއް ކަން އޮޅުމެއް ނެތި ސާފެވެ. އެހެންވެ، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ ނިންމުމެއް ކަން އޮޅުމެއް ނެެތި ސާފެވެ.
ހައި ކޯޓަށް މިފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ނިންމުމުގެ ނަތީޖާއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކާ މެދު ކޯޓުތަކުގައި ޗެލެންޖް ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލި، ކޮމިޝަނަރުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ކަނޑައެޅިގެން ދިއުމެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާގެ ށ. އޮތް ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ޝަރުއީ މަރުހަލާއިން ބެލޭނީ ހައި ކޯޓު މަރުހަލާގައި އެކަނި ކަމަށް ވާތީ ސިވިިލް ކޯޓު ފަދަ މަދަނީ މައްސަލަތައް ބަލާ ކޯޓަކަށް މިފަދަ މައްސަލައެއް ނުބެލޭނެ އެވެ.
އެހެންކަމުން ވަކި މައުލޫމާތެއް ދިނުމަށް ނުވަތަ ނުދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމިޔަސް، ހައި ކޯޓުގެ ހުކުމް އޮތް ގޮތުން ކޮމިޝަނަރުގެ ނިންމުމަށް ބަސް ކިޔޭނެ އިތުރު މުއައްސަސާއެއް ނުވަތަ ކޯޓެއް މިހާރު ނެތެވެ. ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ބަދަލު ނުކުރާހާ ހިިނދަކު، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަށް ރުހި ގަބޫލުވެގެން ތިބުން ނޫން ގޮތެއް ނެތެވެ. މިހާރު ހައި ކޯޓުގައި ހިނގަމުންދާ މިފަދަ މައްސަލަތަކުގައި ވެސް މިގޮތަށް ހުކުމް އައުން ވަރަށް ގާތެވެ.
ހައި ކޯޓުގެ ހުކުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އުނިކަން އައުމުގެ ފުރުސަތު އޮތް ނިންމުމެކެވެ. މިއީ ގާނޫނުގެ މައްސަލައެއް ނަމަ، ގާނޫނު އިސްލާހު ކޮށްގެން ވިޔަސް، ވަގުތުން ހައްލު ހޯދަން ޖެހޭ މައްސަލަ އެކެވެ.