22 މާޗް 2021 - 15:08

ރާއްޖޭގެ ރަށެއްގައި ރިސޯޓެއް ހިންގަން ހުޅުވާލައިފި ނަމަ މީގެ ކުރިން އެތައް ބަޔަކު އެ ރަށަކަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އެގޮތަށް ފުރުސަތު ހުޅުވައިލި ހަތަރު ރަށަކަށް މާ ގިނަ ބަޔަކު ޝައުގެއް ނުވި އެވެ.
ހއ. ހދ. ށ. އަދި ނ. އަތޮޅުގެ ހަތަރު ރަށެއްގައި ރިސޯޓު ހަދަން ބީލަމަށް ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް ބިޑުގެ މުއްދަތު ހަމަވި އިރު ޝައުގުވެރިކަން ފާޅުކުރީ އެއްމެ ފަރާތަކުންނެވެ. އެ ފަރާތުން ވެސް ބިޑު ހުށަހަޅައިފައިވަނީ ނ. ކުންނަމެލައި އަށް އެކަންޏެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ރަށްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންތަކުގައި 65 ފަރާތުން ބައިވެރިވި ކަމަށެވެ. ބިޑު ފޮތް ހަތް ފަރާތަކުން ގަތެވެ.
އެނގިފައިވާ ގޮތުގައި، ރިސޯޓު ހަދަން އެންމެ ފަހުން މި ހުޅުވައިލީ ބޮޑު ފަޅެއް އޮންނަ ރީތި ރަށްތަކެކެވެ. ނަމަވެސް މި ތަންތަން ތަރައްގީ ކުރަން އިންވެސްޓަރުން ނުލިބެނީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދު ދަށްވެފައިވާތީ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.
މި ރަށްތަކުގެ ތެރެއިން ޝައުުގުވެރިކަން ފާޅުނުކުރާ ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލާނެ އެވެ. ކުންނަމެލައި އަށް ޝައުުވެރިކަން ފާޅުކޮށްފައިވާ ފަރާތުގެ އިވެލުއޭޝަން ހެދުމަށް ފަހު އެ ރަށް އެ ފަރާތާ ހަވާލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރަން ހުޅުވައިލި ފުރުސަތަށް ވެސް ލިބުނު ތަރުހީބު ކުޑަކަމުން އަނެއްކާ ވެސް ވަނީ ބިޑަށް ލައިފަ އެވެ.
ސަރުކާރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ދައުރު ނިމޭއިރު 29 ރަށެއް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވައިލާނެ ކަމަށް ބުނެފަ އެވެ. މީގެ ސަަބަބުން 18،000 އެއްހާ ވަޒީފާގެ ފުރުސަތު ދިވެހިންނަށް ލިބޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.