22 މާޗް 2021 - 13:28

މާލެ ސަރަހައްދުގައި މިއަދު ޖަހަން ކުރަން ފެށި ޗައިނާގެ ކޮވިޑް ވެކްސިން އިން 80 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށާއި މަސް ދުވަސް ތެރޭ މި ވެކްސިންގެ ދެ ޑޯޒް ޖެހޭނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެޗްއީއޯސީ އިން ބޭއްވި މީޑިއާ ބްރީފިންގައި އިމިއުނައިޒޭޝަން ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ޖަހަމުން އައި ކޮވިޝީލްޑް ވެކްސިނާ ހިލާފަށް، ސައިނޮފާމް ވެކްސިންގެ މައިގަނޑު ތަފާތަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ނަގާ މުއްދަތު ކަމަށެވެ. އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖެހޭނީ 8-12 ހަފުތާ ފަހުންނެވެ. ނަމަވެސް ސައިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ތިން ހަފްތާ ފަހުން ޖެހޭނެ އެވެ.
"އޭގެ މާނަ އަކީ ގާތްގަނޑަކަށް އެއް މަސް ތެރޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ވެގެން އެބަ ދޭ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި މި ވެކްސިން ޖެހުން ކުރިއަށް ގެންދެ އެވެ. ސައިނޮފާމް ވެކްސިން ޖަހައިދޭނީ އުމުރުން 18-60 އަހަރުގެ ދެމެދުގެ މީހުންނަށެވެ. ބިދޭސީންނަށް ވެސް ވެކްސިން ޖަހައިދޭނެ އެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ހުރީ ސައިނޮފާމް ވެކްސިންގެ 18،000 ޑޯޒެވެ.
މި ވެކްސިންގެ ދެ ވަނަ ޑޯޒަށް އޮންނަ މުއްދަތު ކުރުކަމުން، އިތުރު ވެކްސިން ލިބެންދެން، ދެ ވަނަ ޑޯޒަށް ވެކްސިން ބަހައްޓާނެ ކަމެއް ނުވަތަ މިހާރު ހުރި ވެކްސިން ހުސްވަންޖެން ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާނީ ކަމެއް އެޗްޕީއޭ އަކުން އަދި ނުބުނެ އެވެ.
ޗައިނާ އިން އެ ވެކްސިންގެ 200،000 ޑޯޒް ހަދިޔާކުރާނެ ކަމަށް ބުނި ނަމަވެސް އަދި އެޔެއް ނުލިބެ އެވެ.
މި ވެކްސިން ޓެސްޓުކުރަން ކުރިއަށް ގެންދިޔަ ޓްރައަލްތަކުން އެފިކަސީ ރޭޓު ހުރީ 79-85 ޕަސެންޓާ ދެމެދުގައިކަން އެނގިފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. އެ ރޭޓުގައި ތަފާތެއް އުޅެނީ އެކި ގައުމުތަކުގައި ކުރި މަސައްކަތުން ލިބުނު ނަތީޖާގައި ކުޑަ ތަފާތެއް ހުރުމުން ކަމަށާއި ނަމަވެސް އެވްރެޖްކޮށް 80 ޕަސެންޓުގެ ރައްކާތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ސައިނޮފާމް ވެކްސިނަކީ މުޅި ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ބޭނުންކޮށްގެން ހަދާ އިންއެކްޓިވޭޓެޑް ވެކްސިނެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ޖެނެޓިކް މެޓީރިއަލް މުޅި ހަށިގަނޑުތެރެއަށް ނުފެތުރޭނެ އެވެ.
"އޭގެ މާނަ އަކީ ބަލި ނުޖެހޭނެ ގޮތަށް، އެހެން ނަމަވެސް އެއާ އިދިކޮޅަށް ދިފާއީ ނިޒާމް މަސައްކަތްކުރާ ގޮތަށް [ވެކްސިން ހަދާފައި ވަނީ]،" ޑރ. ފައިސަލް ވިދާޅުވި އެވެ.
މިއީ އިންއެކްޓިވޭޓެޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑާ ދެކޮޅަށް ވެކްސިން ހެދި ފުރަތަމަ ފަހަރު ނަމަވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ އެހެން ވެކްސިންތައް ރާއްޖޭގައި މިހާރު ވެސް ބޭނުންކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އަށް މަހުގެ ތުއްތު ކުދިންނަށް ޖަހާ ޕޯލިއޯ ވެކްސިނަކީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނެކެވެ.
ސައިނޮފާމް ވެކްސިން ހަދަން ބޭނުންކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހައިޑްރޮޖެން ފޮސްޕޭޓާއި އަލުމިނިއަމް ފޮސްފޭޓައި ސޯޑިއަމް ކްލޮރައިޑް (ލޮނު) ހިމެނޭ ކަމަށާއި އޭގެ އެއްވެސް ބާވަތަކަށް އެލާޖިކް ނަމަ، މި ވެކްސިން ނުޖެހޭނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.
މިހާތަނަށް 22،513 މީހުންނަށް ކޮވިޑް-19 ރާއްޖެއިން ޖެހިފައިވާ އިރު މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 2،436 މީހުންނެވެ. ޖުމްލަ 218،912 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ.