ބާރު ދުވުންތެރިޔާ ބޯލްޓް، ޑޯޓްމަންޑުގެ ޓްރެއިނިންގައި ބައިވެރިވަނީ
ބާރު ދުވުންތެރިޔާ ބޯލްޓް، ޑޯޓްމަންޑުގެ ޓްރެއިނިންގައި ބައިވެރިވަނީ

މިއުނިކް (ނޮވެމްބަރު 14) - ޖެމެއިކާ އަށް އުފަން ދުނިޔޭގެ ރެކޯޑް ދުވުންތެރިޔާ އުސެއިން ބޯލްޓް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވަން ނިންމައިފި އެވެ.

އޮލިމްޕިކުން ނުވަ ރަން މެޑަލް ހޯދާފައިވާ ދުވުންތެރިޔާ ބޯލްޓަކީ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ޔުނައިޓެޑްގެ ބައެއް ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އެގޮތުން އޭނާ ވަނީ 2008 ވަނަ އަހަރު އޭރު ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސްޕީޑް ތަމްރީން ސެޝަނެއް ނަގައިދީފަ އެވެ.

ޑޯޓްމަންޑާ އެކު ބޯލްޓް ފަރިތަކުރުންތަކުގައި ބައިވެރިވާނީ މަޝްހޫރު ކުޅިވަރު ބްރޭންޑް ޕޫމާގެ އެއްބަސްވުމެއްގެ ތެރެއިންނެވެ. ޕޫމާގެ ވެރިޔާ ޖޮއާން ގުލްޑެން ވިދާޅުވީ ޑޯޓްމަންޑާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން އެދުނީ ބޯލްްޓް ކަމަށެވެ.

"މިއީ ބޯލްޓްގެ އެދުމުގެ މަތިން ކޮށްދޭ ކަމެއް. އޭނާ އަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ މީހެއް. ކުރިން ވެސް އޭނާ ބައެއް ކްލަބްތަކާ އެކު ޓްރެއިންކޮށް ބައެއް ކުޅުންތެރިންނަށް އެހީވެސް ވެދިން. ކިހިނެއް އެނގެނީ މިފަހަރު ޑޯޓްމަންޑާ އެކު ވާނީ ކިހިނެއް ކަމެއް،" ގުލްޑެން ވިދާޅުވި އެވެ.

ޑޯޓްމަންޑާ އެކު ބޯލްޓް ޓްރެއިން ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައިނުވެ އެވެ. އެ ކްލަބްގެ ޗެއާމަން ހަން ޔޯކިމް ވަޒްކޭ ވިދާޅުވީ މިއީ މާކެޓިން ސްޓަންޓެއް ނޫން ކަމަށެވެ.

"މިއީ އަހަރެމެން މަޝްހޫރުކަން ހޯދަން ކުރާ ކަމެއް ނޫން. ބޯލްޓްގެ އެދުމުގެ ވެސް މަތިން ކުރާ ކަމެއް. ބޯލްޓަކީ ދުނިޔޭގެ ގިނަ ރެކޯޑްތަކެއް އޮތް އެތުލީޓެއް. ކޮންމެ ބަޔަކަށް ވެސް އޭނާގެ ބޭނުން ހިފޭނެ. މިއީ މި ކްލަބަށް ލިބޭ ފަހުރެއް ގޮތުގައި ދެކެން،" ވަޒްކޭ ވިދާޅުވި އެވެ.

އާޖެންޓީނާގެ ވީވާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ބޯލްޓް ބުނީ ޕްރޮފެޝަނަލްކޮށް ކޮންމެވެސް ފެންވަރެއްގައި ފުޓްބޯޅަ ކުޅުމުގެ ހުވަފެން އަދި ދޫކޮށްނުލާ ކަމަށެވެ. ފުޓްބޯޅައިގެ އިތުރުން ކްރިކެޓަކީ ވެސް ބޯލްޓް ވަރަށް ޝައުގުވެރިވާ ކުޅިވަރެކެވެ.