"ހަތުރޯން ކޭ ކިލާޅީ 11" އަށް ކޮން ބައެއް؟
"ހަތުރޯން ކޭ ކިލާޅީ 11" އަށް ކޮން ބައެއް؟

ރިއަލިޓީ ޝޯ "ބިގް ބޮސް 14" ނިމުމާ އެކު މިހާރު އެންމެ ބޮޑަށް ދެކެވެނީ ކަލާޒްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަނުގެ ވާހަކަ އެވެ. ދާދި ފަހުން މީޑިއާތަކުން ބުނި ގޮތުގައި ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ޝޯ އަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޝޯ ޝޫޓްކުރާނެ ގައުމެއް ނިންމައި ބައިވެރިންނަކީ ކޮބައިކަން ވެސް ހާމަކުރާނެ އެވެ.

އެގޮތުން މިހާރު މީޑިއާތަކުގައި އަންނަނީ "ހަތުރޯން ކޭ ކިލާޅީ 11" އިން ފެންނާނެ ކަމަށް ބެލެވޭ ބައެއް ސެލެބްރިޓީންނާ ބެހޭ ގޮތުން ވާހަކަ ދެކެވެމުންނެވެ. މި ޝޯ އަކީ އަބަދު ވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މޫނުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ.

ކުރިއަށް އޮތް ސީޒަނުން ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި "ބިގް ބޮސް 14" ގެ ބައެއް ބައިވެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެ ޝޯ ކާމިޔާބުކުރި ރުބީނާ ދިލައިކާއި ފިރިމީހާ އަބިނާވް ޝުކްލާ އާއި ނިކީ ތަމްބޯލީ އާއި އިޖާޒް ޚާން އަދި ރާހިލް ވައިދިއާ ހިމެނެ އެވެ.

މި ތަރިންތަކުގެ އިތުރުން "ހަތުރޯން ކޭ ކިލާޅީ 11" ގައި ދެން ވާދަކުރާނެ ކަމަށް ބުނާ ތަރިންނަކީ "ބިގް ބޮސް 13" ގައި ވާދަކުރި ޝެފާލީ ޖަރީވާލާ (ކާންޓާ ލަގާ) އާއި އެކްޓަރު އަރުޖުން ބިޖިލާނީ އާއި ބަތަލާ އެރިކާ ފެނާންޑޭޒާއި އެކްޓަރު މޯހިތު މަލިކާއި ބަތަލާ އުރުވަޝީ ދޮލާކިއާ (ކޮމޯލިކާ) އާއި އެކްޓަރު ޕުރޫ ޗިބާރް އާއި އެކްޓަރު ޝަރަދު ސަކްސޭނާ ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ކަލާޒް އިން މިހާރު އަންނަނީ މި ތަރިން ޝޯ އަށް ގެންނަން އެ މީހުންނާ ވާހަކަ ދައްކަމުންނެވެ.

"ހަތުރޯން ކޭ ކިލާޅީ 11" އާ ބެހޭ ގިނަ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް ކަލާޒް އިން ޝޯއާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި ޝޯ ގެނެސްދެވޭ ގޮތް ނުވި ނަމަވެސް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު 11 ވަނަ ސީޒަން ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.

"ހަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ޓީވީ ބަތަލާ ކަރިޝްމާ ތަންނާ އެވެ. އެ ސީޒަން ގެނެސްދެނީ ބަލްގޭރިއާއިންނެވެ.

ދިހަ ވަނަ ސީޒަން ނިންމާލައި "ހަތުރޯން ކޭ ކިލާޅީ: މޭޑް އިން އިންޑިއާ" ގެ ނަމުގައި އިންޑިއާގައި ޝޫޓްކުރި ޝޯއެއް ގެނެސްދިނެވެ. އެ ކާމިޔާބުކުރީ ޓީވީ ބަތަލާ ނިއާ ޝަރުމާ އެވެ.