22 މާޗް 2021 - 10:24

ކޮލަމްބޯ (މާޗް 22) - ސްރީ ލަންކާގައި ސިނޮފާމުގެ ވެކްސިން ފުރަތަމަ ޖަހާނީ އެ ގައުމުގައި ދިރިއުޅޭ ޗައިނާ މީހުންނަށް ކަމަށް ސްޓޭޓް މިނިސްޓަރު އޮފް ހެލްތު ޑރ. ސުދާޝިނީ ފެނާންޑޯޕުއްލޭ ވިދާޅުވެއްޖެ އެވެ.
ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިނަށް ލަންކާގެ ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރްއޭ) އިން ހޮނިހިރު ދުވަހު ވަނީ އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ. މިއީ ލަންކާގައި ހުއްދަ ދިން ތިން ވަނަ ވެކްސިނެވެ. ކުރިން ވަނީ އޮކްސްފޯޑް/އެސްޓްރަޒެނެކާ އަދި ރަޝިޔާގެ ސްޕުޓިނިކް ވީ ވެކްސިނަށް ހުއްދަ ދީފަ އެވެ.
ޑރ. ސުދާޝިނީ ވިދާޅުވީ ލަންކާގައި ސިނޮފާމް ވެކްސިން ޗައިނާ މީހުންނަށް ފުރަތަމަ ދެނީ ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން އެ ގޮތަށް އެދުމުން ކަމަށެވެ. ޗައިނާ އިން ވަނީ ލަންކާ އަށް ތިން ލައްކަ ޑޯޒުގެ ވެކްސިން ހަދިޔާކޮށްފަ އެވެ.
އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ޝިޕްމަންޓްތައް ލަންކާ އަށް ވަނީ ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް ލިބިފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޮވެކްސް ސްކީމުގެ ދަށުން ވެސް ލަންކާ އަށް ވަނީ އެސްޓްރަޒެނެކާގެ 264،000 ޑޯޒުގެ ވެކްސިން ލިބިފަ އެވެ.
ލަންކާގައި މިހާރު ވަނީ 30 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފަށައިފަ އެވެ.