21 މާޗް 2021 - 21:20

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިދިޔަ ހަފްތާގައި ހުއްދަ ދިން ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން މާދަމާ ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި ހުއްޓާލީ މިދިޔަ ހޯމަ ދުވަހު އެވެ.
އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ބޭނުންކުރާނީ ސިނޮފާމް ކަމަށެވެ. މިއީ، ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިނެވެ. އެ ވެކްސިންގެ 18،000 ޑޯޒް ހަދިޔާކޮށްފައިވާ އިރު، އިތުރު 200،000 ޑޯޒް ރާއްޖެ އަށް ހަދިޔާކުރާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ރާއްޖޭގައި ޖަހަމުން އައީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.
އެޗްޕީއޭ އިން ބުނީ އުމުރުން 18 އަހަރުން މަތީގެ އެންމެނަށް މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި އަލުން ވެކްސިން ޖެހޭނެ ކަމަށެވެ.
"ފުރަތަމަ ބުރުގައި ވެކްސިން ނުޖެހުނު މީހުންނަށް، މިހާރު ވެކްސިން ޖެހޭނެ،" އެޗްޕީއޭ އިން ބުންޏެވެ.
- ސޯޝަލް ސެންޓަރު
- އިސްލާމީ މަރުކަޒު
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު
- ވިލިމާލެ ޒުވާނުންގެ މަރުކަޒު
- ރައްޔިތުންގެ މަޖިލިސް
- ޓްރީޓޮޕް ހޮސްޕިޓަލް
ވިލިމާލޭގެ ޒުވާނުންގެ ސެންޓަރު ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާނީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. ވިލިމާލެ ސެންޓަރުން ވެކްސިން ޖަހާދޭނީ މެންދުރު 14:00 އާ ހަމައަށެވެ.
ވެކްސިން ޖަހަން ދާއިރު، އެކަމަށް ތައްޔާރުވެގެން ދާން އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
މިހާތަނަށް 218،645 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ދީފައިވެ އެވެ. މިހާތަނަށް 22،373 މީހުންނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ އިރު، މި ވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،404 މީހުންނެވެ. ބަލި ޖެހިގެން 66 މީހަކު މަރުވެފައި ވެ އެވެ.