ކޮނޑޭގެ އިސްމެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަނީ
ކޮނޑޭގެ އިސްމެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަނީ

ގއ. ކޮނޑޭގެ އިސްމެޖިސްޓްރޭޓު މުހައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރަން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔަނެއްގައި ބުނީ، އޭނާއާ ދެކޮޅު އެތައް ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މުހައްމަދު އިބްރާހިމްއާ ހަވާލު ކޮށްފައިވާ ކޯޓުތަކަށް، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ދަތުރު ކުރެއްވުމާއި ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ ޒިންމާތައް އަދާކުރެއްވުމުގައި އިހުމާލުވުން ހިމެނޭ ކަމަށް ޖޭއެސްސީން ބުންޏެވެ. ކޯޓުގެ މުވައްޒަފުންނަށާއި ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި ވެސް މުހައްމަދު އިބްރާހިމް ވާހަކަ ދައްކަވާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، އޭނާގެ މި މައްސަލަތައް ތަހުގީގު ކުރަން، ޚާއްސަ ކޮމިޓީއެއް މިދިޔަ މަހުގެ 21 ގައި ވަނީ އެ ކުލަވާލައިފަ އެވެ.

ޖޭއެސްސީން ނެރުނު 2020ގެ އަހަރީ ރިޕޯޓުގައި، ފަނޑިޔާރުންނާ ގުޅޭ 288 ޝަކުވާއެއް މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރެއިން 41 މައްސަލައެއް ރަޖިސްޓަރީކުރި ކަމަށާއި 31 މައްސަލައަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.