13 ނޮވެމްބަރ 2016 - 19:58

ބަޣުދާދު (ނޮވެމްބަރު 13) - އިރާގުގެ ވަރަށް ގަދީމީ ސިޓީއެއް ކަމަށްވާ ނިމްރޫދު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން އިރާގު ސިފައިން މިއަދު އަތުލައިފި އެވެ.

މީގެ ދެ އަހަރު ކުރިން އައިއެސްގެ ބާރުގެ ދަށަށް ގެންދިޔަ ނިމްރޫދުގައި ހުރި އާސާރީ ތަންތަން ތަޅާ ސުންނާފަތި ކުރުމުން ތާރީޚަށް ލޯބިކުރާ ފަރާތްތަކުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ޔުނިސެފުން ބުނެފައި ވަނީ އެއީ އައިއެސް އިން ހިންގި ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ކަމަށެވެ.

އައިއެސް އިން ބުނެފައި ވަނީ ނިމްރޫދުގައި ހުރި ބުދުތަކަކީ ބާތިލް އެއްޗެހި ކަމަށާއި އެ ތަކެތި ސުންނާފަތި ކުރަން ޖެހޭ ކަމަށެވެ.

ނިމްރޫދު އޮންނަނީ އައިއެސްގެ ބާރުގެ ދަށުން ހިފުމަށް އިރާގު ސިފައިން މިހާރު މަސައްކަތް ކުރާ މޫސަލްގެ އިރު ދެކުނުން 20 މޭލު ދުރުގަ އެވެ.

އިރާގުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނައިންތު އާމާޑް ޑިވިޝަނުން ވަނީ ނިމްރޫދު މިނިވަންކޮށް އެ ސިޓީގައި އިރާގުގެ ގައުމީ ދިދަ ނަގައިފައި ކަމަށެވެ. އައި ނިމްރޫދު ހިފުމަށް ދިން ހަމާލާގައި އައިއެސްގެ އެތައް ބަޔަކު މަރުވެ އެ މީހުންގެ އެތައް ސާމާނެއް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.