21 މާޗް 2021 - 13:59

ސަރުކާރުގެ އެހީގައި އަމިއްލަ ރަށަށް ބަދަލުވާން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދުނީ 13 އާއިލާއަކުން ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި، މާލޭގައި ދިރިއުޅޭ ރަށްރަށުގެ ގިނަ ބަޔަކަށް ވަނީ އެތައް ދަތިތަކެއް ކުރިމަތިވެފަ އެވެ. މި އެކަމުން އަރައިގަތުމަށް، އަމިއްލަ ރަށަށް ބަދަލުވެ، އަލުން ދިރިއުޅުން ފަށައިގަތުމަށް ދާނެ ހަރަދު ސަރުކާރުން ދިނުމަށް ވަނީ ނިންމައިފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން ތައާރަފްކުރި "އަހުލު" ޕްރޮގްރާމްގެ ދަށުން، ދަރިންނާއެކު ރަށަށް ދާން ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް އެހީވެ އެވެ. ރަށަށް ބަދަލު ކުރާނީ އަމިއްލަ އަށް އެކަމަށް އެދޭ މީހުންނެވެ. އަމިއްލަ މީހެއްގެ ބަދަލުގައި އެއީ އާއިލާއަކަށް ވާން ޖެހެ އެވެ. ކުޑަކުދިން ތިބޭ ނަމަ، އިސްކަން ދޭނެ އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އަހުލު ޕްރޮގްރާމްގެ ދަށުން 13 އާއިލާއަކުން ރަށަށް ބަދަލުވުމަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ އާއިލާއެއް މިހާރު އަމިއްލަ ރަށަށް ބަދަލުކޮށްފައިވާއިރު، ހަތަރު އާއިލާއެއް ވަނީ ރަށަށް ދިޔުމަށް ތައްޔާރުވެފަ އެވެ.
ގާތްގަނޑަކަށް 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި ޕްރޮޖެކްޓުގެ ތެރެއިން، ރަށަށް ބަދަލުކުރާނެ މީހުން ކަނޑައަޅާނީ، އެކަމަށް އެދޭ މީހުން އެސެސް ކުރުމަށް ފަހު އެވެ. އެސެސްކުރާ ކޮމިޓީގައި ހުރިހާ މިނިސްޓްރީ އަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާނެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ރަށަށް ދިޔުމަށް އެދުނު އިތުރު ހަތް އާއިލާއެއްގެ ހާލަތު މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ އާއިލާތައް ރަށަށް ދާން ބޭނުންވީ، މާލޭގައި ދިރިއުޅުމަށް ކުލި ދައްކަން ދަތިވުމާ ގުޅިގެން ކަމަށް އެތަނުން ބުންޏެވެ.
އާއިލާ ރަށަށް ބަދަލުވުމަށް ފަހު، ގެ ކުޑަކޮށް މަރާމާތު ކުރުމާއި ފަރުނީޗަރު ހޯދައިދިނުމަށް މިނިސްޓްރީން އެހީތެރިވެ އެވެ. އެކަމަކު އެ އެހީ ދެނީ، ގިނަވެގެން 20،000 ރުފިޔާ ހިމެނޭ ލޯނަކުންނެވެ. އިންޓަރެސްޓް ނުލައި، ލޯނުގެ އެހީދޭއިރު ތިން އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.
އޭގެ އިތުރުން، އާއިލާ އިން އާއްމު ހާލަތަށްް ރުޖޫއުއަށް ވުމަށް، ހަ މަސް ވާންދެން މާލީ އެހީގެ ގޮތުގައި 3،000 ރުފިޔާ ފޯރުކޮށްދޭނެ އެވެ. އޭގެ އިތުރުން، އަމިއްލަ މަސައްކަތެއް ފެށުމަށް ނުވަތަ ފަންނީ ކަމެއް ދަސް ކުރުމަށް، ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސައިދޭއިރު ވަޒީފާ ހޯދުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ޖެންޑާއިން ބުންޏެވެ.