21 މާޗް 2021 - 12:18

ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް ނެގޭ ގޮތަށް ގަވައިދު ބަދަލު ކުރައްވާނެ ކަމަށާއި އިތުރު ގެދޮރު ވެސް އަޅާނެ ކަމަށް، މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާ އަށް ވާދަ ކުރައްވާ ކެނޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް އިއްޔެ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ބިންތަކާ ގުޅޭ ގޮތުން ރަނގަޅު ޕްލޭންތަކެއް މިހާރު ވެސް ހަދާފައިވާ ކަމަށާއި ނަމަވެސް އެންމެ އެކަށީގެން ނުވާ ގޮތަކަށް އެ ތަންތަން ބޭނުން ކުރަމުންދާ ކަމަށެވެ.
އެ ބިންތައް ބޭނުންކޮށްގެން ވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި މަދުވެގެން 500 ހައުސިން ޔުނިޓްގެ ޖާގަ ވިލިމާލޭގައި ހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި ދައްކަނީ ސްކޫލުތަކާއި އެހެނިހެން ކަންކަމަށް ބޭނުން ކުރަމުންދާ ބިންތައް ނަގާ ވާހަކައެއް ނޫން. އެހެން ބިންތައް ބޭނުން ކުރެވެން އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.
ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ވިލިމާލެއަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ގޯތި އިމާރާތް ކުރުމުގެ ގަވައިދު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ގަވައިދު ބަދަލުކޮށް ވިލިމާލޭގައި ވެސް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދާނެ ކަމަށާއި އޭގެ ސަބަބުން ލޯނު ނަގައި ގެދޮރުވެރިކަން އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގެދޮރުގެ އުސް މިން އުސް ކުރާ ވާހަކައަކީ ވެސް ބޭރުން ބަޔަކު ޖަމާކޮށް މިތަނުގެ އާބާދީ އިތުރު ކުރާ ވާހަކައެއް ނޫން. ވިލިމާލޭގައި ނިކަމެތި ގޮތުގައި ދިރިއުޅޭ ރައްޔިތުންނަށް ނޭވާ ލެވޭނެ ޖާގައެއް އިތުރުކޮށްދީ ވިލިމާލޭ ރައްޔިތުން ގެދޮރުވެރި ކޮށްދޭން ޖެހޭ ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގައި ގިނަ ޕާކުތަކެއް ހެދި ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ. އަދި މާލޭގެ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ ވިލިމާލޭގައި ޒަމާނީ ބޮޑު ޕާކެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަޅުގަނޑު އެންމެ އިސްކަމެއް ދޭނެ ކަމަކީ މާލޭގެ ކޮންމެ އަވަށެކޭ އެއްގޮތަށް ވިލިމާލެ ވެސް ތަރައްގީ ކުރުން،" މުއިއްޒު ވިދާޅުވި އެވެ.