21 މާޗް 2021 - 12:21

އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު މި ވަގުތު އޮތީ، މާލެ ނޫނީ މީހުން ދިރިއުޅޭ ފަސް ރަށެއްގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އާއްމުންގެ ތެރެއިން ބަލި ފެނިގެން މި ވަގުތު މޮނިޓަރިން އަށް ލާފައި އޮތީ ނ. ޅޮއްސާއި ރ. އުނގޫފާރާއި އއ. ތޮއްޑު އާއި އދ. ފެންފުއްޓާއި ދ. ކުޑަހުވަދު އެވެ. މި ރަށްރަށަކީ ކޮވިޑް ޖެހިފައިވާ މީހުންގެ ސަބަބުން، އާއްމުންގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް ރަށްރަށެވެ.
މޮނިޓަރިން އަށް ލާފައި އޮތް ރަށްރަށުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ ޅޮހީންނެވެ. ހޯމް ކަރަންޓީނުގައި ތިބި ބައެއްގެ ފަރާތުން، ބަލި ފެތުރި 22 މީހަކަށް ވަނީ ޖެހިފަ އެވެ. އަދި ކުޑަހުވަދޫން 20 މީހުން ޕޮޒިޓިވްވެފައިވާއިރު، އިތުރު ގިނަ ބައެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. އެންމެ ފަހުން ކަރަންޓީނަށް ލި އުނގޫފާރުން ބަލި ޖެހުނުކަން އަދި ޔަގީންވީ ފަސް މީހަކަށް ނަމަވެސް އެ އަތޮޅުގެ އެހެން ރަށްރަށް ވެސް ހިމެނޭ ގޮތަށް ގިނަ ބައެއްގެ ސާމްޕަލް ވަނީ ޓެސްޓު ކުރަން ފޮނުވާފަ އެވެ.
ފެންފުށިން ޕޮޒިޓިވްވީ ރެންޑަމްކޮށް ނެގި ދެ ސާމްޕަލެވެ.
މިއިން ކޮންމެ ރަށަކުން ވެސް ކޮވިޑްގެ ބަލި މީހުން ފެނިފައިވަނީ، ކަރަންޓީނުގެ އުސޫލާ ހިލާފުވުމުންނާއި މާލޭން ރަށަށް ދިޔަ ނުވަތަ މާލެ ދަތުރު މީހަކާ ބައްދަލުވެގެންނެވެ.
އެޗްއީއޯސީން ބުނިގޮތުގައި އެ ރަށްރަށުގައި ބަލި ފެތުރިފައިވާ ގޮތް ނުވަތަ ކޭސް އިންވެސްޓިގޭޝަން އަދި ނުނިމެ އެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކި ގޮތްގޮތުން ބައްދަލުވެފައިވާ މީހުން ހޯދުން ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާނީ، ވަކި މުއްދަތެއްގެ އިންޓަވަލްއެއް ވެސް ނެގުމަށް ފަހު އެވެ. އާއްމު ގޮތެއްގައި ތިން ހަފުތާ ވަންދެން އެ މަސައްކަތް ކުރިއަށް ގެންދާއިރު ރަށުގެ އާބާދީއަށް ވެސް ބަލަ އެވެ.
މި ފަސް ރަށުގައި ނޫނަސް، ކޮވިޑް ޖެހިފައިވާ މީހުން ތިބި އިތުރު 17 ރަށެއް އެބަ އޮތެވެ. އެކަމަކު ބަލި ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުން ފާހަގަވެފައިވުމުން، މި ރަށްރަށުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުމުގެ ބިރެއް ނެތެވެ. އެޗްއީއޯސީން ބުނާގޮތުން، ކޮވިޑް ޖެހިފައިވާ ޖުމްލަ 204 މީހުން އެކި ރަށްރަށުގައި އެބަތިއްބެވެ.
ކޮވިޑްގެ ހާލަތު އަދިވެސް ރާއްޖޭގައި ގޯހެވެ. މިހާރު ވެސް ބަލި މީހުންގެ ގޮތުގައި 2،404 މީހުން ތިބި އިރު، ކޮންމެ ދުވަހަކު ވެސް ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100އިން މަތީގަ އެވެ.