21 މާޗް 2021 - 13:50

މިދިޔަ ތިން މަހު މާލޭ ބާޒާރުމަތީ ހަތް ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ މުދާ ވަގަށް ނެގި އިރު ވަގުންގެ ހަމަލާ އެންމެ ބޮޑަށް އަމާޒުވީ "ގޮވެލި" ފިހާރައަށެވެ. އެތަން ހަތަރު ފަރަށް ފަޅާލައި، ވައްކަންކޮށްފައިވެ އެވެ.

އެންމެ ފަހުން އެ ފިހާރަ ފަޅާލީ ރޭގަ އެވެ. ފުރާޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ގިނަ އަދަދެއްގެ މުދާ ވަގަށް ނަގާފައިވާ ކަމަށް ވެ އެވެ.
"ގޮވެލި"ގެ އެއް ހިއްސާދާރު މުހައްމަދު ޝާމިން ވިދާޅުވީ އެންމެ ފުރަތަމަ އެ ފިހާރަ ފަޅާލީ ދެވަނަ ބުރީގައި ހުރި ކުޑަ ދޮރެއް ހަލާލުކޮށްގެން ކަމަށެވެ. އެ ކުޑަދޮރު ރަނގަޅުކުރުމުން އޭގެ ފަހުން ދެ ފަހަރު ވެސް ވައްކަންކުރީ ފުރާޅު ހަލާކުކޮށްގެން ވަދެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާމީން ވިދާޅުވި ގޮތުގައި ކުރީގެ ތިން ބުރުގައި ގާތްގަނޑަކަށް 600،000ރގެ މުދާ ވަގަށް ނެގި އެވެ. އޭގެ ތެރެއިން 400،000ރ މުދާ ވަގަށް ނެގީ ތިންވަނަ ފަހަރަށް ފިހާރަ ފަޅާލި އިރު އެވެ. ރޭ އަލުން އެ ފިހާރައަށް ވަގުން ވަން އިރު، ކުރީގެ ވައްކަމުގެ އިންޝުއަރެންސް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާމިން ވިދާޅުވި ގޮތުގައި ބާޒާރު މަތީގެ ގިނަ ފިހާރަތައް ފަޅާލެވެނީ ފުލުހުންނަށް ޒިންމާ އަދާނުކުރެވޭތީ އެވެ. ކޮވިޑާ ގުޅިގެން އެޗުޕީއޭއިން ހަމަޖައްސާފައި އޮންނަ ގޮތުން ނަމަ މިހާރު ރޭގަނޑު 11:00ގެ ފަހުން ބޭރުގައި އާންމުކޮށް ނޫޅެވޭ އިރު ވިޔަފާރިތައް ހިމާޔަތްކުރަން އެ ސަރަހައްދުގައި ފުލުހުން ފޯރިމަރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ކަންކަން ވިޔަނުދީ ހުއްޓުވަން. ފުލުހުންނަށް އެކަށީގެންވާ ވަރަށް މި ސަރަހައްދުގައި ފޯރި މެރޭ ނަމަ މިކަހަލަ ކަންތައް ނުވާނެ. މި ސަރަހައްދަކީ ވިޔަފާރިވެރިންގެ އެތައް މިލިއަން ރުފިޔާގެ މުދާ އެއް ތަނެއްގައި ހުރި ސަރަހައްދެއް. ފުލުހުންނަށް މި ސަރަހައްދު ރަނގަޅަށް ބެލެން އެބަ ޖެހޭ،" ޝާމިން ވިދާޅުވި އެވެ.
"މަގުމަތިވެފައި މިތިބޭ ގްރޫޕުތަކުގެ މީހުން ވެސް އެބަ ތިބޭ ހެނދުނު އަންނައިރު އަޅުގަނޑުމެންގެ ޕިކަޕުތަކުގައި ނިދާފައި. މިކަން ވެސް ފުލުހުންނަށް ހައްލެއް ނުކުރެވޭ. ކިހިނެއް އެނގޭނީ އޭގެ ތެރެއިން ބައެއް ނޫންކަމެއް މިކަންތައް ކުރަނީ؟"
ބާޒާރުމަތީ ފިހާރައެއް ހިންގާ އެހެން މީހަކު ވެސް ބުނީ ފުލުހުންނަށް އެކަށީގެންވާ ވަރަށް އެ ސަރަހައްދު ނުބެލެހެއްޓޭ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރިއަށް ދާ ނަމަ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮންމެ ފިހާރައަކުން ވެސް އެތައް ހާސް ރުފިޔާއެއްގެ މުދާ އެބަ ނަގާ. މިއީ ކިހާ ބޮޑު ގެއްލުމެއް ވިޔަފާރިތަކަށް؟ މިކަން ހައްލުކުރަން މިހާރަށް ވުރެ ބޮޑަށް ފުލުހުން މަސައްކަތް ކުރަން ޖެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެ ވިޔަފާރިވެރިޔާ ބުންޏެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ރޭ ބާޒާރު މަތީގެ ފަސް ފިހާރައެއް ފަޅާލި އެވެ. އެ ވައްކަމަށް ޝައްކުކުރެވޭ ބަޔަކު ހުޅުމާލޭގެ ފިހާރައެއް ފަޅާލައިގެން އުޅެނިކޮށް އަނެއް ދުވަހު ހައްޔަރުކުރި ކަމަށް "މިހާރު"އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެ ގްރޫޕުގައި ހިމެނޭ ބައެއް މީހުން ފިލާފައިވެ އެވެ.
ވިޔަފާރިވެރިން ގަބޫލުކުރާ ގޮތުގައި މި ވައްކަން ކުރަމުން އަންނަނީ އެއް ބައެކެވެ.