13 ނޮވެމްބަރ 2016 - 19:28

ކްރައިސްޗާޗް (ނޮވެމްބަރު 13) - ނިއު ޒީލެންޑުގެ ސައުތު އައިލެންޑަށް މިއަދު އައި ބާރުގަދަ ބިންހެލުމަށް ފަހު އެ ގައުމަށް ސުނާމީ އަރައިފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ނިއު ޒީލެންޑަށް ދަންވަރުގެ ވަގުތުގައި (ރާއްޖޭ ގަޑިން މިއަދު ހަވީރު) ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގައި އައި ބިންހެލުން ކުރިމަތިވެފައި ވަނީ ކްރައިސްޗާޗާ 59 މޭލު ދުރުގައިވާ ހިސާބަކަށެވެ. އިރު އުތުރުގެ ހިސާބުތަކަށް ސުނާމީ އެރީ ބިންހެލުން އައިތާ ދެ ގަޑިއިރު ފަހުންނެވެ. އޮފިޝަލުން ބުނި ގޮތުގައި ފުރަތަމަ އަރަން ފެށި ރާޅުތައް މާބޮޑެތި ނޫން ނަމަވެސް ސުނާމީ އެރުން އެތައް ގަޑިއަކަށް ދެމިގެން ހިނގައިދާނެ އެވެ.
ކްރައިސްޗާޗުގެ އުތުރުން 112 މޭލު ދުރުގައި އޮންނަ ކައިކޫރާ އަށް އެރި ރާޅުގެ އުސްމިނުގައި 6 ފޫޓު 5 އިންޗި ހުއްޓެވެ. ވެލިންޓަނާއި އެނޫން ވެސް ހިސާބުތަކަށް ކުދި ރާޅުތައް އެރި ކަމަށްވެ އެވެ. ސައުތު އައިލެންޑާއި ކްރައިސްޗާޗުގައި އުޅޭ މީހުން އައްސޭރި ފަށުގެ ހިސާބަށް ނުދިއުމަށާއި އުސް ތަންތަނުގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ރޭޑިއޯ ނިއު ޒީލެންޑުން ބުނި ގޮތުގައި ބިންހެލުމަށް ފަހު ލޮޅުންތައް އަރަމުންދާތީ އެތައް ބަޔަކު ވަނީ ގެދޮރުން ނެރެ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
ދިވެހި ބައެއް އާއިލާތައް ވެސް ދިރިއުޅޭ ކްރައިސްޗާޗަށް 2011 ވަނަ އަހަރު އައި ބިންހެލުމުގައި ވަނީީ 185 މީހުން މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ނިއު ޒިލެންޑް އޮންނަނީ ބިންހެލުން އާއްމުކޮށް އަންނަ ޕެސިފިކް ރިންގު އޮފް ފަޔާގަ އެވެ.