ނަޝީދުގެ ދެ މުސާރައިގެ ތަފްސީލް ހޯދަން މަލީހު މަޖިލީހަށް
ނަޝީދުގެ ދެ މުސާރައިގެ ތަފްސީލް ހޯދަން މަލީހު މަޖިލީހަށް

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެ މުސާރަ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އޭގެ ތަފްސީލް ހޯއްދަވަން ކުރީގެ ޓެކްނޮލޮޖީ އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވަން ނިންމަވައިފި އެވެ.

ނަޝީދަށް ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިގެ އިތުރުން ކުރީގެ ރައީސުންނަށް ދައުލަތުން ދޭ މުސާރަ އާއި އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވަ އެވެ.

އެކަން ފާހަގަކުރައްވާ މަލީހު "މިހާރު"އަށް ވިދާޅުވީ ނަޝީދަށް ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތަކުގެ އަދަދު ރައްޔިތުންނަށް އެހާ ބޮޑަށް ސާފު ނޫން ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް ހާމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރި މަލީހު ވިދާޅުވި ގޮތުގައި ރައްޔިތުން މަޖިލީހުގެ ވެބްސައިޓުން ލިބެން ހުރި މާލީ ބަޔާންތަކުން ދައްކަނީ ނަޝީދަށް މަހަކު 265،419ރ. ލިބިވަޑައިގަންނަވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ނަންގަވާ މުސާރައަށް ވުރެ ބޮޑު އަދަދެއް މިއީ. ރައީސަށް ވެސް މި ލިބެނީ އެއް ލައްކަ ރުފިޔާ. ނަމަވެސް މަޖިލިސް ރައީސް އެހާ ބޮޑު މުސާރައެއް ނަންގަވާއިރު، ސުޕަ މެޖޯރިޓީ އޮވެމެ ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ ކޮންމެވެސް އެކައްޗެއް ދޫކޮށްލަންވީ ނޫންތޯ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދަށް ލިބިވަޑައިގަންނަވާ މުސާރައިގެ ތަފްސީލް ހޯދަން ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން ފިނޭންސް މިނިސްޓްރީން ވެސް މައުލޫމާތު ހޯއްދަވާނެ ކަމަށެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ މަފްހޫމަކީ އެ ބޭފުޅުން އިތުރު މަސައްކަތެއް ނުކުރެއްވުން ކަމަށް މަލީހު ގަބޫލުކުރައްވަ އެވެ. އެހެންކަމުން އިތުރު މަގާމެއް އަދާކުރައްވަމުން ދައުލަތުން ދެ މުސާރަ ނުނެންގެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވަ އެވެ. މަޖިލިހުގެ ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،000ރ. ލިބިވަޑައިގަންނަވަ އެވެ. އެހެންކަމުން ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

ނަމަވެސް އޭގެ ތެރެއިން ނަޝީދު ހަމައެކަނި ބޭނުންފުޅުވަނީ އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ދޭ އިނާޔަތް ކަމަށް އެ މަނިކުފާނު އެންގެވި ކަމަށް 2019 ގައި ރައްޔިތުންގެ މަޖިލިހުން ބުނެފައިވެ އެވެ. އޭގެ މާނައަކީ ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުން 85،000ރ. އުނިކުރުމެވެ.