ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެ

އިމަޖަންސީކޮށް ރޭ އައިޖީއެމްއެޗަށް ގެންދިޔަ ދުވަސްވީ ފިރިހެނަކު މަރުވެފައިވާ ކަމަށާއި އެ މީހާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި 66 މީހާ އެވެ.

އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމަށް ގެންދިޔަ އިރު ވެސް އެއްވެސް ހަރަކާތެއް ނެތް 66 އަހަރުގެ މީހާ މަރުވީ ރޭ 8:25 ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ ކޮވިޑް ޖެހިގެން މި މަހު މަރުވި ހަތަރު ވަނަ މީހާ އެވެ. ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިިޔަ 10 މީހަކު މިދިޔަ މަހު މަރުވި އެވެ. އެއީ ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން، މި ބަލީގައި މީހުން އެންމެ ގިނައިން މަރުވި މަހެވެ.

މިހާތަނަށް 22،373 މީހުންނަށް ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ އިރު، މި ވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،404 މީހުންނެވެ. އޭގެ ތެރެއިން 107 މީހަކު ފަރުވާ ހޯދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ވެކްސިން ޖެހުން މާލެ ސަރަހައްދުން މެދުކަނޑާލި ނަމަވެސް ރަށްރަށުގައި އަދިވެސް ކުރިއަށް ދެ އެވެ. އިއްޔެ 599 މީހަކު ރަށްރަށުން ވެކްސިން ޖެހިއިރު، މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 218،645 އަށް ވަނީ އަރައިފަ އެވެ.