އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ނުބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ނުބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިސާސް ހައި ކޯޓުގައި ނެތް ކަމަށާއި އެހެންވެ އެމްޑަބްލިޔުއެސްސީން ހުށައެޅި މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމާ އެކު އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކުގައި އެންމެ ފަހު ބަސް ބުނާނީ ކޮމިޝަނަރު ކަމަށް ކަނޑައެޅުނީ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފެއްދި މިނިވަން މުއައްސަސާއެކެވެ. ބޭނުމަކީ ރާއްޖޭގެ އާންމު މަސްލަހަތަށްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނަގަހައްޓައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުޅުވާލާފައިވާ ގޮތެއްގައި ހިންގަން ބާރުއެޅުމެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިސާސެއް ނެތް ކަމަށް ހައި ކޯޓުން ނިންމީ އެމްޑަބްލިއުއެސްސީން ހުށަހެޅި މައްސަލައެއްގަ އެވެ. އެ ކުންފުނިން މައްސަލަ އިސްތިއުނާފުކުރީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓު ހޯދަން އެދި ފެބްރުއަރީ 12، 2020 ގައި އެމްޑަބްލިއުއެސްސީއަށް ހުށަހެޅުމުން ޖަވާބެއް ދީފައިނުވާތީ އެކަން ބަލައިދޭން އެ މުވައްޒަފު އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުންނެވެ.

އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމީ އެ މުވައްޒަފު އެދުނު މައުލޫމާތު ދޫކުރުމަށެވެ. އެކަމަކު އެ ނިންމުމާ މެދު ހިތްހަމަނުޖެހި އެމްޑަބްލިއުއެސްސީން އޮގަސްޓް 24، 2020 ގައި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރީ އެވެ.

ހައި ކޯޓުގެ ހުކުރުމުގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ހައި ކޯޓަށް ލިބިދޭ އިހުތިސާސްއެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާއިން ލިބިދީފައިވާ އިލްތިމާސްކުރުމުގެ ފުރުސަތަކީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެއް ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

ކޯޓުތަކުގެ ގާނޫނުން ހައި ކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިހްތިސާސްއަށް ބަލާއިރު، އެ އިހްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކަށެވެ. އެކަމަކު އެމްޑަބްލިޔުއެސްސީން ހުށައެޅީ ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ.

"....ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ހައި ކޯޓަށް އިލްތިމާސްކޮށްފައި [މިވާ] މައްސަލައަކީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހުތިސާސް ގާނޫނުން ހައި ކޯޓަށް ލިބިދީފައި ނެތް މައްސަލައެއް ކަމަށް ވާތީ އެ މައްސަލައަކީ ހައި ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގެ މި ގަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފީމެވެ،" ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޔާސަތު ބެލެހެއްޓެވި މައްސަލައިގެ ހުކުމުގައި ވެ އެވެ.

މައުލޫމާތު ހޯދައި ލިިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު ބައެއް މައުލޫމާތު ނުދީގެން ބައެއް ފަރާތްތަކުން ހައި ކޯޓުގައި މައްސަލަ އިސްތިއުފާންކުރެ އެވެ.