24 މާޗް 2021 - 06:41

އަކްޝޭ ކުމާރު 2017 ގައި ކުޅުނު ފިލްމު "ޖޯލީ އެލްއެލްބީ 2" ގެ ޑައިރެކްޓަރު ސުބާޝް ކަޕޫރާއާ އެކު އަނެއްކާ ވެސް އާ ފިލްމަކަށް ވާހަކަ ދައްކަން ފަށައިފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަކްޝޭ އާއި ސުބާޝް އެކި ފަހަރު މަތިން ބައްދަލުކޮށް ފިލްމުގެ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި މިހާރު ކަންކަން ބައްޓަންވަމުންދާ ގޮތަށް ބަލާ އިރު މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި ފިލްމުގެ މަސައްކަތް ފެށޭނެ ކަމަށް ބުންޏެވެ.
ނަމަވެސް އަކްޝޭއާ އެކު ސުބާޝް އަލަށް ހަދަން އުޅޭ ފިލްމަކީ ކޮން ކަހަލަ ޕްލޮޓަކަށް ހަދާ ފިލްމެއް ކަމެއް އަދި ނޭނގެ އެވެ. "ޖޯލީ އެލްއެލްބީ 2" އަކީ ވަކީލެއްގެ ވާހަކަ ކިޔައިދިން ބްލެކް ކޮމެޑީއެކެވެ. އެ ފިލްމަކީ އަރުޝަދު ވަރުސީއާ އެކު ސުބާޝް 2013 ގައި ގެނެސްދިން "ޖޯލީ އެލްއެލްބީ" ގެ ސީކްއެލްއެކެވެ.
ޕިންކްވިލާ އިން ބުނީ ސުބާޝް އާއި އަކްޝޭ އެކީގައި މަސައްކަތްކުރާނެ ދެވަނަ ޕްރޮޖެކްޓަކީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ އާއި ދަރިފުޅު ޖެކީ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓުން ހަދާނެ ފިލްމެއް ކަމަށެވެ. މެއި 28 ގައި ރިލީޒްކުރާ އަކްޝޭގެ "ބެލް ބޮޓަމް" އަކީ ވެސް އެ މީހުންގެ ފިލްމެކެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޫޖާ އިން ޕްރޮޑިއުސްކޮށް، މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ ފިލްމަކަށް ވެސް އަކްޝޭ އެއްބަސްވެފައިވެ އެވެ. ނަމަވެސް ދާދި ފަހުން މީޑިއާތަކުން ބުނީ އެ ފިލްމު އަކްޝޭ ދޫކޮށްލާފައިވާ ކަމަށާއި މުދައްސަރުގެ ފިލްމަށް މިހާރު ރާޖްކުމާރު ރާއޯ އާއި ޝްރަދާ ކަޕޫރް ނަގާފައިވާ ކަމަށެވެ.
އަކްޝޭއާ އެކު ފިލްމެއް ގެނެސްދޭން ސުބާޝް ތައްޔާރު ވަނީ ހުމާ ގްރޭޝީއާ އެކު "މަހާރާނީ" ކިޔާ ވެބް ސީރީޒެއް ހަދަން ނިންމާފައި ވަނިކޮށެވެ. ސުބާޝް ޕްރޮޑިއުސްކުރާ ސީރީޒްގެ ޑައިރެކްޓަރަކީ ކަރަން ޝަރުމާ އެވެ.
ސުބާޝް އަކީ ކުރިން އާމިރު ޚާން ސޮއިކޮށްފައި އޮތް "މޯގުލް" ގެ ޑައިރެކްޝަނާ ހަވާލުވި މީހާ އެވެ. އެކަމަކު އޭނާގެ މައްޗަށް 2018 ގެ ތެރޭގައި ޖިންސީ ގޯނާގެ ތުހުމަތުކުރެވުމާ ގުޅިގެން އެ ފިލްމުން ވަނީ ބޭރުކޮށްލައިފަ އެވެ. "މޯގުލް" އަކީ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ އެވެ.
ސުބާޝް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ރިޗާ ޗައްޑާގެ "މެޑަމް ޗީފް މިނިސްޓަރު" އެވެ. އޭނާ ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ގުއްޑޫ ރަންގީލާ" އާއި "ޕަސް ގަޔޭ ރޭ އޮބާމާ" ހިމެނެ އެވެ.
ސުބާޝްގެ ފިލްމަކަށް ވާހަކަ ދެކެވެމުން އަންނަ އިރު އަކްޝޭ "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ނިންމާލައި މިހާރު އަންނަނީ "ރާމް ސެތޫ" ގެ ޝޫޓިން އަށް ތައްޔާރުވަމުންނެވެ. އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ރަކްޝާބަންދަން" އާއި "މިޝަން ލަޔަން" ހިމެނެ އެވެ.
މި އަހަރު ރިލީޒްވާން ހުރި އަކްޝޭގެ ފިލްމުތަކަކީ "ސޫރިޔަވަންޝީ" އާއި "ބެލް ބޮޓަމް" އާއި "އަތުރަންގީ ރޭ" އަދި "ޕްރިތުވީރާޖް" އެވެ.