13 ނޮވެމްބަރ 2016 - 19:32
ލ.މާމެންދު އާއި ގއ. ދާންދު އަށް ދެ ޖެނެރޭޓަރު ގެންނަން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އަމިއްލަ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލު ކުރީ ޕްލެންކްޓަން ކުންފުންޏާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ފެނަކަ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ. ޕްލެންކްޓަންގެ ފަރާތުން ސޮއި ކުރެއްވީ މާކެޓިން މެނޭޖަރު މަރިޔަމް ޔައުފާ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ޝަރީފް ވިދާޅުވީ، އަލަށް ގެންނަން ހަމަޖައްސާފައިވާ ދެ ޖެނެރޭޓަރުން މާމެންދު އާއި ދާންދޫގެ ސަބަބުން ކަރަންޓުގެ ހާލަތު އިތުރަށް ހަރުދަނާވެ 24 ގަޑއިރު ކަރަންޓުގެ ހިދުމަތް ދިނުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެ ދެ ރަށަށް ޖެނެރޭޓަރު ގެންދެވޭނެ ކަމަށާއި އަދި ހަފުތާއެއްހާ ދުވަސްތެރޭގައި އެ ޖެނެރޭޓަރުތަކުން ހިދުމަތް ދެވޭނެ ކަމަށެވެ.
މި ދެ ޖެނެރޭޓަރު ގަތުމަށް ފެނަކަ އިން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ އެވެ.