ވެރިންގެ ޓްވީޓްތަކަށް ފިޔަވަޅު އެޅުމާ ގޮތުން އާންމުންގެ ހިޔާލު ހޯދަން ޓްވިޓާ އިން ސާވޭއެއް ފަށައިފި
ވެރިންގެ ޓްވީޓްތަކަށް ފިޔަވަޅު އެޅުމާ ގޮތުން އާންމުންގެ ހިޔާލު ހޯދަން ޓްވިޓާ އިން ސާވޭއެއް ފަށައިފި

ޓްވިޓާ ބޭނުންކުރާ ގައުމުތަކުގެ އިސް ވެރިން ކުރައްވާ ޓްވީޓްތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި ހާއްސަ އުސޫލުތަލެއް ގެންގުޅޭނެތޯ ބެލުމަށް އާންމުންގެ ހިޔާލު ހޯދަން ޓްވިޓާ އިން ސާވޭއެއް ފަށައިފި އެވެ.

ހުކުރު ދުވަހު ފެށި ސާވޭ އަންނަ މަހުގެ 12 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. އުމުރުން 16 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ސާވޭގެ މައިގަނޑު މަގުސަދަކީ ޓްވިޓާ ބޭނުން ކުރައްވާ ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުން ފަދަ މަގާމުތަކުގައި ތިއްބަވާ ވެރިން ކުރައްވާ ޓްވީޓްތަކާ މެދު ފިޔަވަޅު އެޅުމުގައި އެ ނޫން މީހުންނާ އެއްވެސް މިންގަނޑަކަށް ތަފާތެއް ގެންގުޅޭނެތޯ ބެލުމެވެ.

މި ސާވޭގެ ސުވާލަށް އާނއެކޭ/ނޫނެކޭ އިން ޖަބާވު ދެވޭނެ އެވެ.

މި ސާވޭ ފެށި އިރު 2019 ގައި ޓްވިޓާ އިން ވަނީ ވެރިންގެ ޓްވީޓްތަކާ މެދު އަމަލުކުރާނެ އުސޫލުތަކެއް ވެސް އާންމުކޮށްފަ އެވެ. އަދި އޭގެ ފަހުން ވެސް އުސޫލުތަކަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސްފައިވެ އެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އޭރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ހިތްވަރުދެއްވައިގެން ކެޕިޓޮލް ހިލްގައި ބަޔަކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ ކުރައްވަމުން ގެންދެވި ޓްވީޓްތަކާ ގުޅިގެން ދާއިމީކޮށް ޓްވިޓާ އިން ބޭރުކޮށްލުމެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބާ ބެހޭ ގޮތުންނާއި ކޮވިޑް-19 އާ ބެހޭ ގޮތުން ވެސް ސައްހަ ނޫން މައުލޫމާތުތައް ޓްވިޓާގައި ހިއްސާކުރައްވާތީ ޓްރަމްޕްގެ ޓްވީޓްތަކަށް އެކި ކަހަލަ ފިޔަވަޅު އަޅާފައިވެ އެވެ.

ޓްވިޓާ އިން ފަށާފައިވާ ސާވޭގައި ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތް ހެދުމަށްޓަކައި ސާވޭ 14 ބަހަކުން ގެނެސް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ޖެކް ޑޯޒީގެ ޓްވިޓާ އިން ބުނީ އާންމުންގެ އިތުރަށް ސާވޭ އަށް އިންސާނީ ހައްގުތަކުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ތައުލީމީ ދާއިރާގެ މީހުންގެ ލަފަ އާއި މަޝްވަރާ ވެސް ހޯދާނެ ކަމަށެވެ.

ޓްވިޓާ އަކީ އެންމެ މަގުބޫލު އެއް ސޯޝަލް ޕްލެޓްފޯމެވެ. އަދި އެ ބޭނުންކުރާ މީހުންގެ ތެރޭގައި ޕްރޮފެޝަލް މަސައްކަތްކުރާ ހައި ޕްރޮފައިލް މީހުން ގިނަ އެވެ.