ރޮބަޓް ރެޑްފޯޑް އެކްޓް ކުރުން ހުއްޓާލައި، ޑައިރެކްޝަނަށް ހުސްވަނީ
ރޮބަޓް ރެޑްފޯޑް އެކްޓް ކުރުން ހުއްޓާލައި، ޑައިރެކްޝަނަށް ހުސްވަނީ

މިހާރު މަސައްކަތް ކުރަމުން އަންނަ ދެ ފިލްމަށް ފަހު، ދެން އެކްޓް ކުރަން ބޭނުން ނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ބޭނުން ވަނީ ޑައިރެކްޝަނަށް ހުސްވާން ކަމަށް ހޮލީވުޑްގެ ދުވަސްވީ އެކްޓަރު/ޑައިރެކްޓަރު ރޮބަޑް ރެޑްފޯޑް ބުނެފި އެވެ.

އުމުރުން މިހާރު 80 އަހަރުގެ އެކްޓަރުގެ ކުރިއަށް އޮތް ދެ ފިލްމަކީ ޖޭން ފޮންޑާ އާ އެކު ކުޅޭ ލޯބީގެ ފިލްމް "އަވާ ސޯލްސް އެޓް ނައިޓް" އާއި ކޭސީ އެފްލެކާ އެކު ކުޅޭ "ދި އޮލްޑް މޭން އެންޑް ދަ ގަން" އެވެ.

"މި ދެ ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު ބޭނުން ވަނީ އެކްޓިން އިން ރިޓަޔާ ކުރަން. ދެން އަހަރެން ފޯކަސް ކުރާނީ ޑައިރެކްޝަނަށް." އޯލް ދަ ޕްރެޒިޑަންޓްސް މެން އާއި އޯލް އިޒް ލޮސްޓް ފަދަ ފިލްމްތައް ކުޅެފައިވާ ރޮބަޓް ބުންޏެވެ. "މިހާރު ދެން ވާވަރަށް އެކްޓް ކުރެވިއްޖެ."

އޭނާ މީގެ ކުރިން ވެސް ބައެއް ފިލްމްތައް ޑައިރެކްޓްކޮށްފައިވެ އެވެ. އެހެން ނަމަވެސް ޑައިރެކްޓް ކުރުމަށް ވުރެ ބޮޑަށް އިސްކަން ދިނީ އެކްޓިންއަށެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ފިލްމެއް ކުޅެގެން މިހާތަނަށް ރޮބަޓަށް އޮސްކާ ކަހަލަ ވަރުގަދަ އެވޯޑެއް ލިބިފައި ނެތް ކަމެވެ.

އޭނާ ވަނީ 1980 ވަނަ އަހަރު "އޯޑިނަރީ ޕީޕަލް" ޑައިރެކްޓްކޮށްގެން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ހޯދައިފަ އެވެ.

ރޮބަޓް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ އޭނާ މުހިއްމު ރޯލެއް ވެސް ކުޅުނު 2012 ގެ ފިލްމް "ދަ ކޮމްޕެނީ ޔޫ ކީޕް" އެވެ.

އޭނާ އެންމެ ފަހުން ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ މި އަހަރުގެ އޮގަސްޓް މަހު ރިލިޒް ކުރި ޑޭވިޑް ލޯރީގެ "ޕީޓެސް ޑްރަގަން" އެވެ.