މެލޭޝިއާގެ ޕްރިންސް ޔުނައިޓެޑްގެ ހިއްސާއެއް ގަންނަން ޝައުގުވެރިވޭ
މެލޭޝިއާގެ ޕްރިންސް ޔުނައިޓެޑްގެ ހިއްސާއެއް ގަންނަން ޝައުގުވެރިވޭ

ކުއާލާލަމްޕޫރު (މާޗް 20) - މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ޖޮހޯރްގެ ޕްރިިންސް ޓުންކޫ އިސްމާއިލް އިބްނި ސުލްތާން އިބްރާހިމް، އިނގިރޭސި ފުޓްބޯޅައިގެ ގަދަބާރު މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާއެއް ގަންނަން ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

އުމުރުން 36 އަހަރުގެ ޕްރިންސް ޓުންކޫ އިސްމާއިލް އަކީ މި ވަގުތު މެލޭޝިއާގެ ކްލަބް ޖޭޑީޓީއެފްސީގެ ވެރިޔާ އެވެ. ދާދި ފަހުން ޓުންކޫ އިސްމާއިލް ވަނީ ސްޕެއިނުގެ ވެލެންސިއާ ގަންނަން އެ ކްލަބްގެ ވެރިޔާ ސިންގަޕޫރުގެ ބިލިއަނަރު ޕީޓާ ލިމްއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓުންކޫ އިސްމާއިލް ވިދާޅުވީ ޔޫރަޕްގެ ފުޓްބޯޅަ އަށް އިންވެސްޓް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފަން ތައްޔާރަށް ހުރި ކަމަށާއި އެންމެ ބޮޑަށް ޝައުގުވެރިވަނީ ޔުނައިޓެޑްގެ ހިއްސާއެއް ގަތުމަށް ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ހައިބަތު ބޮޑު ކްލަބެއްގެ ކޮމާޝަލް ވެލިއު ވެއްޓެން އެތައް އަހަރެން ނަގާނެ. ކްލަބްގެ އަގު ހިފެހެއްޓުމުގައި މެންޗެސްޓާ ޔުނައިޓެޑަކީ ލާމަސީލު ކްލަބެއް. އެހެންވެ އަހަރެން އެ މީހުންނާ ބައްދަލުކުރާނަން. އެ ކްލަބްގެ ކޮންމެވެސް ވަރެއްގެ ހިއްސާއެއް ގަނެވޭތޯ މަސައްކަތްކުރަން،" ޓުންކޫ އިސްމާއިލް ވިދާޅުވި އެވެ.

ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާދާރުންނަކީ އެމެރިކާގެ މަހުޖަނުން ކަމަށްވާ ގްލޭޒާ ފެމިލީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރިންސް ޓުންކޫ އިސްމާއިލްގެ މިލްކިއްޔާތުގައި ހަ ބިލިއަން ޑޮލަރު އެބަހުއްޓެވެ. ވެލެންސިއާގެ އަގު މި ވަގުތު ކަނޑައަޅާފައިވަނީ 408 މިލިއަން ޔޫރޯ (491 މިލިއަން ޑޮލަރު) އަށެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވެލެންސިއާ ގަތުމަށް ފަހު އިތުރު 300 މިލިއަން ޑޮލަރު ޔޫރަޕްގެ ފުޓްބޯޅަ އަށް އިންވެސްޓްކުރަން ޓުންކޫ އިސްމާއިލް ވަނީ ނިންމަވައިފަ އެވެ.