ޗެލްސީން ކޯޗު ބަދަލުކުރަނީ ކާމިޔާބު ހޯދަން: އަބްރަމޮވިޗް
ޗެލްސީން ކޯޗު ބަދަލުކުރަނީ ކާމިޔާބު ހޯދަން: އަބްރަމޮވިޗް

ލަންޑަން (މާޗް 20) - ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު ޗެލްސީ ގަތް ފަހުން އެ ޓީމުން 15 ފަހަރު ކޯޗުން ބަދަލުކޮށްފައިވާއިރު، އޭގެ އެންމެ ބޮޑު ސަބަބަކީ ކާމިޔާބު ހޯދަން ބޭނުންވުން ކަމަށް އަބްރަމޮވިޗް ބުނެފި އެވެ.

މިހާތަނަށް އަބްރަމޮވިޗްގެ ލީޑަޝިޕްގައި ޗެލްސީ އަށް އިރުޝާދުދިނީ 13 ކޯޗުންނެވެ. އެއީ ކްލައުޑިއޯ ރަނިއޭރީ، ހޯސޭ މޮރީނިއޯ، އަވްރަމް ގްރާންޓް، ލުއިޒް ފިލިޕޭ ސްކޮލާރީ، ކާލޯ އަންޗެލޮޓީ، އަންދްރެސް ވިލަސް-ބޮއަސް، ރޮބާޓޯ ޑި މަޓެއޯ، ރަފައެލް ބެނިޓޭޒް، ގޫސް ހިޑިންކް، އެންޓޯނިއޯ ކޮންޓޭ، މައުރީޒިއޯ ސާރީ، ފްރޭންކް ލަމްޕާޑް އަދި މިހާރުގެ ކޯޗު ތޯމަސް ޓުޗެލް އެވެ. މީގެ ތެރެއިން މޮރީނިއޯ އާއި ހިޑިންކް ވަނީ ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކޯޗުކޮށްދީފަ އެވެ.

ފޯބްސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަބްރަމޮވިޗް ބުނީ ކޯޗުން ވަކިކުރަން އޭނާ ގެންގުޅޭ ޕޮލިސީގެ ސަބަބު ކްލަބްގެ ކާމިޔާބީ އަށް ބަލާލުމުން އެނގިގެންދާނެ ކަމަށެވެ. އަދި ރަނގަޅު ލެވަލެއްގައި ކްލަބް ދެމެހެއްޓުމަށް މުހިއްމު ނިންމުންތައް ނިންމަންޖެހޭ ފަހަރުތަކުގައި އެކަން ކުރަން ޖެހޭނެކަމަށް އަބްރަމޮވިޗް ބުންޏެވެ.

"އަހަރެންގެ ގޯލަކީ ތަށި ހޯދުން. މި ކްލަބް ކާމިޔާބީގެ މަގުގައި ދެމި އޮތުން. ދެން އަބަދުވެސް މުސްތަގުބަލުގައި ކާމިޔާބު ހޯދޭނެ ވަރަށް އިންވެސްޓްކުރުން. މި ޓީމުން ހޯދާފައިވާ ޓްރޮފީގެ އަދަދަށް ބަލާލުމުން ނިންމުންތައް ރަނގަޅުކަން އެބަފެނޭ،" އަބްރަމޮވިޗް ބުންޏެވެ.

އަބްރަމޮވިޗް ހަވާލުވި ފަހުން ޗެލްސީން ވަނީ 16 މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި 50 އަހަރު ފަހުން ޗެލްސީން އިނގިރޭސި ލީގު ކާމިޔާބުކުރުމާއި އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ދެ ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރުން ހިމެނެ އެވެ.

"އަހަރެން އައުމުގެ ކުރިން ވެސް މި ކްލަބް އޮތް. އަހަރެން ދިޔަސް އޭގެ ފަހުން ވެސް މި ކްލަބް އޮންނާނެ. އަހަރެން ބޭނުންވަނީ މި ކްލަބަށް އަބަދުވެސް ކާމިޔާބު ލިބޭނެ މަގުތަކެއް ތަނަވަސްވެފައި އޮތުން،" އަބްރަމޮވިޗް ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމުން އެ ޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ވަކިކޮށް ޓުޗެލްއާ ހަވާލުކުރި ފަހުން އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 13 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

އިނގިރޭސި ސަރުކާރުން 2018 ވަނަ އަހަރުގެ މެއި މަހު އަބްރަމޮވިޗަށް ވިސާ ދޭން ދެކޮޅު ހެދުމުން އޭނާ އަށް އަދިވެސް އިންގްލެންޑަށް ދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ، ވަގުތީ ގޮތުން ނަމަވެސް އިޒްރޭލުގެ ރަށްވެހިކަން ހޯދައި މިހާރު އަބްރަމޮވިޗް އުޅެނީ ޓެލް އަވީވް ގަ އެވެ. އިނގިރޭސި ސަރުކާރާއި އަބްރަމޮވިޗާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ނުލިބި އޮތް ނަމަވެސް އެފަދަ ސިޔާސީ ސަބަބަކަށްޓަކައި އަބްރަމޮވިޗް ޗެލްސީ ވިއްކާނުލާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.